ދަނޑުވެރިކަމުގެ ލޯން ޕްރޮގްރާމު ކަމަށްވާ “ދަނޑުވެރި ނަފާ”ގެ %30 އަންހެން ކަނބަލުންނަށް ޚާއްސަކުރުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމުގެ ދަށުން “އަންހެން ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނާންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިންގުން” ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައި ކަމަށެވެ.
އެގޮތުން އެކަން ހާސިލް ކުރުމަށް މިހާރު ޤާއިމް ކޮށްފައިވާ “ދަނޑުވެރި ނަފާ” ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ 30% ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އަންހެން ކަބަލުންނަށް ޚާއްސަކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އަންހެން ކަނބަލުންނަށް އެ ލޯން ޕްރޮގްރާމުގައި ވަކި ނިސްބަތެއް ޚާއްސަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކުރުމުގެ އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކަނބަލުން ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުން ކަމަށެވެ.
“ދަނޑުވެރި ނަފާ” ލޯން ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ލޯން ޕްރޮޤްރާމްގެ ފޯމް އެސްޑީއެފްސީ އިންނާއި ފިޝަރީޒް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށާއި، ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސް.ޑީ.އެފް.ސީ އިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ވަނީ މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސްކަމަށްވުމުން، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަށް ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ކަނބަލުންނަށް އަރިސްކޮށްފަ އެވެ. އަދި އަންހެން ކަނބަލުންނަށް ޚާއްސަކުރެވިގެން މި އަދު މި ހުޅުވާލެވޭ ލޯނު ފުރުސަތުގެ ބޭނުން ކުރައްވައިގެން، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ވެގެން ދިޔުމަކީ އެ ސިނާއަތުގެ ކުރިއެރުންކަންވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.