English Edition
Dhivehi Edition

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ބާއްވަން އުޅުނު ޖަލްސާ ވެސް ފަސްކޮށްފި އެވެ.

މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ މިމަހުގެ 13 ވަނަ ދުވަސް ކަމަށް ވާ، އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދުގައެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވަން ކަނޑައަޅާފައި އޮތް އާންމު ޖަލްސާ ވަކި މުއްދަތެއް ނެތި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފަސްކުރެއްވީ، އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާ އަކަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

ޖޭޕީން ބުނީ، ރާއްޖެއަށް ޒިޔާރަތްކުރުމަށްފަހު، ގައުމަށް އެނބުރި ދިޔަ ބައެއް ފަތުރުވެރިންގެ ކިބައިން ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ އަސަރު ފެނިފައި ވުމުން، އެ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށާއި ދިވެހީންނަށް ވެސް ފޯރަފާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑު ވެފައިވާ ކަމަށެވެ.

“ގައުމުގެ ހާލަތު މި އަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުން ދެންނެވުނު ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް އާންމުކޮށް އިއުލާން ކުރެވޭނެ އެވެ،” މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ބަޔާނުގައި ވެ އެވެ.

ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެ ކޯލިޝަނުން އަތޮޅުތަކަށް ކުރަން ނިންމާފައިވާ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑާލައިފަ އެވެ.

“މި ގޮތަށް ނިންމާފައި ވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ އެވެ. މި ޕާޓީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަގީކްނަކްނ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަމެވެ،” ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ޖޭޕީންނާއި އިިދިކޮޅުން ސިޔާސީ ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްކުރުމެއް ގެނައި ނަމަވެސް މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވަނީ ލޯކަލް އިންތިޚާބުގެ ކެމްޕެއިން މެކުހަށް ޖަހައިފަ އެވެ. އަދި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ސިޔާސީ ހަރަކާތްތައް އެމްޑީޕީން ދަނީ ބާއްވަމުންނެވެ.