ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް 19 އާއި ގުޅޭ މައުލޫމާތު ބިދޭސީންނަށް ފޯރުކޮށްދިނުމާއި ބިދޭސީން ދިރިއުޅޭ ތަންތަން ބަލާ ޗެކްކުރާނެ ގޮތަކާއި އަދި ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ބަލާ ޗެކުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެ މިނިސްޓްރީއިން ވަނީ މޯލްޑޮވިސް ޕޮލިސް ސަރވިސް އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި މިއަދު ބައްދަލުކޮށްފައި ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ މޯލްޑޮވިސް ޕޮލިސް ސާވިސް، މާލޭ ސިޓީ ކައުންސިލާއި އަދި ލޭބާ ރިލޭޝަން އޮތޯރިޓީއާއި މިއަދު ބައްދަލުކޮށްފައެވެ. @Official_LRAmv @MaleCitiCouncil @PoliceMv
— Economy & Trade (@MoEDmv) March 8, 2020
ބިދޭސީންނަށް ކޮރޯނާވައިރަސް އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި ބެހޭގޮތުން މިއަދު މަޝްވަރާކޮށްފައިވާއިރު، އެކަމާއި ގުޅޭ މަޢުލޫމާތު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެކަށީގެންވާ މިންވަރަކަށް މިހާތަނަށް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި އެކި ދާއިރާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާއިރު، ބިދޭސީންނަށްވެސް މި ނުރައްކާތެރި ބައްޔާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ލިބުމަކީ މުހިންމު ކަމެކެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެ ދެ މީހުންނަކީވެސް ބިދޭސީންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެމީހުންނާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުންވެސް ފިޔަވަޅު އަޅަމުންދާއިރު، ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވަޑައިނުގެން، ޑޮކްޓަރުންނާއި އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.