English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: ސީޓީއެލް ސްޓްރެޓެޖީސް

އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ދެކުނު ގޮފީގެ ޝަރީޢަތްތަކަށް ފަނޑިޔާރުން މާލެއިން ފުރާވަޑައިގެންފި އެވެ.

ހައި ކޯޓުން ބުނީ އެ ކޯޓުގެ ދެކުނު ގޮފީގެ ޝަރީޢަތްތައް މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެ ޝަރީޢަތްތައް ކުރެއްވުމަށް މިއަދު ޝަރުޢީ ވަފުދު ވަނީ އައްޑޫ އަށް ފުރާވަޑައިގެންފަ އެވެ.

ހައި ކޯޓުން ބުނީ މާދަމާއިން ފެށިގެން މި ހަފުތާގެ ނިޔަލަށް މަސައްކަތް ކުރައްވާ ޝަރުޢީ ވަފުދުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރުންނަކީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ކަމަށެވެ.

މިދިޔަ ފެބުރުވަރީ މަހުގެ 08 އިން 13ގެ ނިޔަލަށްވެސް ހައި ކޯޓުގެ ދެކުނު ގޮފީގައި ޝަރީޢަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު ހައި ކޯޓުގެ ދެ ގޮފި ޤާއިމްކުރެވިފައިވާއިރު، ފުރަތަމަ ނިންމީ ކޮންމެ ގޮތްޕެއްގައިވެސް ދާއިމީކޮށް ތިން ފަނޑިޔާރުން ތިއްބެވުމަށެވެ. އެހެންނަމަވެސް އެގޮތަށް ހެދމުން އޭރު ނުވަ ފަނޑީޔާރުންނާއެކު މަސައްކަތް ކުރަމުން އައި މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމާއެކު، ގޮފިތަކުގައި ފަނޑިޔާރުން ދާއިމީކޮށް ނުތިބޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް ފަހުން ވަނީ ކޯޓުތަކުގެ ޤާނޫނު އިޞްލާޙުކޮށް، ހައި ކޯޓަށް 11 ފަނޑިޔާރުން ޢައްޔަންކޮށްފަ އެވެ.