English Edition
Dhivehi Edition

ޕީޕީއެމްގެ ލީޑަރޝިޕުން އައްޑޫސިޓީގެ ހުޅުމީދޫއަށް މިހަފްތާ ބަންދުގައި ކުރުމަށް އޮތް ދަތުރު ފަސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ހިމެނިވަޑައިގަންނަވާ ޓީމެއް މި މަހުގެ 18 ވަނަ ދުވަހު ހުޅުމީދޫ އަށް ޒިޔާރަތް ކުރުމަށް މީގެ ކުރިން ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ ހުޅުމީދޫ ދަތުރު ފަސްކޮށްފައިވަނީ މިހަފްތާ ބަންދުގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބ.ކަމަދޫގައި ބާއްވާ ޕާޓީގެ ބައި އިލެކްޝަންގައި ބައިވެރިވުމަށް އެރަށަށް ވަޑައިގަންނަވަން ޖެހުމުން ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމްގެ އިސްވެރިންގެ ހުޅޫމީދޫ ދަތުރުގައި މީދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޕީޕީއެމްގެ މި ދަތުރަކީ ހުޅުމީދޫގައި މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ވަކިން ޚާއްޞަކޮށް ޒުވާނުންގެ ފަރާތުން ރައީސް ޔާމީނަށް އޮތް ސަޕޯޓް އަންގައިދިނުމަށް ބާއްވާ އިވެންޓެއް ކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަލީ މުޙައްމަދު (އައްދު) ވިދާޅުވިއެވެ.

” މި އިވެންޓްގައި އެއްވެސް މަޖުބޫރުކުރުމެއް ނެތި ޒުވާނުން ބައިވެރިވާތަން ފެނިގެން ދާނެ. ހުޅުމީދޫގައި މިއަދުގެ ސަރުކާރުން ޒުވާނުންނަށް ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކުގެ ސަބަބުން އުއްމީދު ގެއްލިފައި ތިބި ގިނަ ޒުވާނުންތަކެއްގެ އުއްމީދު މިވަނީ އާލާވެފައި. ހުޅުމީދޫއަށް ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ގިނަ ކަންތައްތައް މިދެރަށުގެ ރައްޔިތުން ބަލައިގަންނަކަން މި އިވެންޓުން ފެނިގެންދާނެ” އައްދު ވިދާޅުވިއެވެ.

ޕީޕީއެމުގެ މި އިވެންޓް ދެން އޮންނާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާގައި ކަމަށް އައްދު ވިދާޅުވިއެވެ.