English Edition
Dhivehi Edition
04 މާރިޗު 2020ގައި އައްޑޫ ސިޓީގައި ބޭއްވި ކެންޑިޑޭޓުންގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 36 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެއިން ބޭރު، ޖަލު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން، އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން ޖުމްލަ 28 ރިސޯޓަކާއި، އެއް ޖަލުގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ތިން ތަނަކާއި ހަތަރު ޤައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އީސީން ވަނީ ނިންމައިފަ އެވެ.

ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތައް:

  1. ޖޭއޭ މަނަފަރު
  2. ޖޭ.ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  3. ސިއްރުފެންފުށި
  4. ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް
  5. ކުޑަފުށި ރިސޯޓް އެންޑް ސްޕާ
  6. ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ
  7. ރީތި ފަރު ރިސޯޓް
  8. ފާރުފުށި މޯލްޑިވްސް
  9. އަނަންތަރާ ކިހާވަށް ވިލާސް
  10. މިލައިދޫ އައިލެންޑް މޯލްޑިވްސް
  11. ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
  12. ފިނޮޅު ބާ އެޓޯލް މޯލްޑިވްސް
  13. ކޮކޯ ޕާމް ދުނިކޮޅު
  14. ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް
  15. ކުރެއްދޫ އައިލެންޑް ރިސޯޓް
  16. އިންނަހުރާ މޯލްޑިވްސް ރިސޯޓް
  17. ކޮކޫން މޯލްޑިވްސް
  18. ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް
  19. އަންނަތަރާ ދިގު ރިސޯޓް
  20. އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް
  21. ރިހިވެލި
  22. ގިލި ލަންކަންފުށި
  23. ކޮކޯ ބޮޑުހިތި
  24. ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
  25. ލަކްސް ސައުތު އަރިއެޓޯލް މޯލްޑިވްސް
  26. ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  27. ސެންޓަރ ގްރޭންޑް އައިލެންޑް ރިސޓް އެންޑް ސްޕާ
  28. ބެގްލިއޮނި ރިސޯޓް މޯލްޑިވްސް

ވޯޓުފޮށި ނުބަހައްޓާ ޖަލު:

  1. ދޫނިދޫ ޖަލު-1

ވޯޓުފޮށި ނުބަހައްޓާސިނާއީ މަސައްކަތްކުރާ ތަންތަން:

  1. ތިލަފުށި-1
  2. ހުޅުލެ-1
  3. ގަން-1 (ސ. ގަން)

ވޯޓުފޮށި ނުބަހައްޓާ ރާއްޖެއިން ބޭރުގެ ތަންތަން:

  1. އިންޑިއާ / ނިއު ދިއްލީ – 1
  2. ސިންގަޕޫރު-1
  3. ތައިލެންޑް-1
  4. ބަންގްލަދޭޝް-1

އެ ތަންތަނުގައި ވޯޓުލުމަށް ކުރިން ރަޖިސްޓަރީ ވެފައިވާ ރައްޔިތުންގެ ރަޖިސްޓަރީ މިހާރު އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައި ކަމަށް އީސީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

އީސީން ވަނީ އެ ވޯޓު ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު 07 މާރިޗު 2020 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އެ ފަރާތްތަކުން ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ “ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު” އިންނެވެ. އެ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާ، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 2020 މާރިޗު 6 ވާ ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް އަދި 2020 މާރިޗު 7 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިންބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން 10:00 އިން ހަވީރު 03:00 އަށް ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.