English Edition
Dhivehi Edition

އަވަށްޓެރި އިންޑިޔާއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 21 ހަށް އަރައިފިއެވެ.

އިންޑިޔާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު އިތުރުވެފައި މިވަނީ އިޓަލީއިން އެ ޤައުމަށް މިއަދު ދިޔަ 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. މި 15 މީހުންގެ ތެރެއިން އެކަކީ އިންޑިޔާގެ ރައްޔިތެކެވެ. ބާކީ ތިބީ އިޓަލީގެ މީހުންނެވެ.

އިޓަލީން ދިޔަ އެންމެންވެސް އިންޑިޔާގައި ކަރަންޓީން ކޮށްފައިވާކަމަށް އިންޑިޔާ ސަރުކާރުން ބުނެފައިވާއިރު މި މީހުން ފެނިފައި ވަނީ އެ ޤައުމުގެ ކޮން ސިޓީއަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އިންޑިޔާގެ އޮފިޝަލުން ބުނީ ވައިރަހަށް ޕޮޒިޓިވްވި މީހުން ކަރަންޓީން ކޮށްފައި ވަނީ އިންޑިއޯ ޓިބެޓް ޕޮލިސް ފޯސް އިން ކަމަށެވެ.

އިންޑިޔާ އަކީ ދިވެހީން އެންމެ ގިނައިން ދާ އެއް ޤައުމެވެ. ބޭސް ފަރުވާއަށާއި މަތީތައުލީމް ހާސިލްކުރުމުގެ އިތުރުން އިންޑިޔާގައި ވަޒަންވެރިވެގެންވެސް އެތައް ދިވެހީންނެއް އެ ޤައުމުގައި ތިބެއެވެ.

ކޮވިޑް-19 އަށް މިއަދާއި ހަމައަށްވެސް ވެކްސިނެއް އުފެއްދިފައި ނުވާއިރުން ވައިރަސް ފެތުރޭ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.