English Edition
Dhivehi Edition
ހުޅުދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫ ސިޓީގެ ހުޅުދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންޓްރެކްޓުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

375 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 65.1 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގައި ހުޅުދޫގައި 114 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި ގާއިމުކޮށް 742 މީޓަރުގެ އެއްގަމު ތޮއްޓާއި 624 މީޓަރުގެ ރިވެޓްމެންޓް ގާއިމްކުރާނެއެވެ. މީގެ އިތުރުން 2250 މީޓަރުގެ ޕޭވްމެންޓް ގާއިމްކޮށް އެއް ކޮންކްރީޓް ބްރިޖު އަޅައި ބަނދަރު ފުންކުރުމުގެ މަސައްކަތް ވެސް ކުރާނެކަމަށް އެމްޓީސީސީ އިންވަނީ ބުނެފައެވެ.

މި މަޝްރޫއާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްޓިސީސީގެ ސީއީއޯ ވިދާޅުވީ މަޝްރޫއު ފެށުމުގެ ކުރިން އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް ނިމުމާއެކު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ބަދަރުގެ މަސައްކަތްފެށޭނެކަމަށެވެ.

އައްޑޫ ސިޓީގައި މިހާރު ފަށާފައިވާ ގިނަ މަޝްރޫއުތައް އެމްޓީސީސީ އާއި ހަވާލުކޮށް ކުރިއަށް ގެންދާއިރު މިހާރުވެސް އެމްޓީސީސީއިން އަންނަނީ ހުޅުދޫ މީދޫގައި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތްކުރަމުންނެވެ. މި ގޮތުން ހުޅުމީދޫ ބަހާއުއްދީން މަގު ރަގަޅު ފެންވަރަކަށް ތަރައްޤީކޮށް މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރަމުން އަންނައިރު މީދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް އެމްޓިސީސީއިން އަންނަނީ ކުރަމުންނެވެ.