English Edition
Dhivehi Edition

ފަހަކަށް އައިސް އައްޑޫގެ ގިނަ ރައްޔިތުންގެ ތުރާއަކަށް ވެފައި އޮންނަ އެއްކަމަކީ ރަށުތެރެއަށް ގިނަވެގެން އުޅޭ ފަނި ތަކުގެ މައްސަލައެވެ. ރޭލު ފަނީގެ ނަމުން މަސްހޫރު ވެފައިވާ މިފަނިތައް މުޅި ރަށުތެރެއަށް ފެތުރެމުން ދާ ވާހަކައެވެ. މަގުމައްޗާއި، ގޯތިތެރެއާއި ގޭތެރެއަށް ވެސް މިތަކެތީގެ އުނދަގޫ މިވަނީ ފޯރާފައެވެ.
އެނގިފައިވާ ގޮތުގައި މިފަނިތަކަކީ 2011 ވަނައަހަރު އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) ހެދި ދުވަސްވަރު އައްޑޫއިން ފެންނަން ފަށާފައިވާ ފަނިތަކެކެވެ. އެގޮތުން އެންމެ ފުރަތަމަ މިފަނިތައް ފެނިފައިވަނީ އެ ސަރަހައްދުންނެވެ. އަދި ދުވަސްތަކެއް ވަންދެން ރަށުގެ އެހެން ސަރަހައްދުތަކުން މިފަނިތައް ނުފެނުނު ނަމަވެސް މަޑުމަޑުން ރަށުތެރެއަށް ގޮސް މިހާރު ރަށުގެ ބޮޑުބައެއް އެއްކޮށް ފުރާލާފައިވެއެވެ. ދިގުމިނުގައި 2 އިންޗި ވަރު ހުންނަ މިފަނިތައް ހޫނު ގަދަވުމުން ނުކުމެ ނޫޅޭކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ. ހެނދުނާ ހަވީރު ފަނީގެ އުނދަގޫ ބޮޑުވި ނަމަވެސް ރޭގަނޑު ފަނިތައް ފެނުން މަދެވެ.
ގޭގޭގެ ތެރެއިންނާއި، އާއްމުކޮށް މީހުން އުޅޭ ހުރިހާ ސަރަހައްދެއްގައި މިފަނީގެ އުނދަގޫ ޖެހިފައިވާއިރު ރަށުން މިފަނި މަދުކުރުމަށް އެއްވެސް ފަރާތަކުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް އަދި ނުފެނެއެވެ. އިވޭހާވެސް އަޑަކީ ފަނިތައް އުޅޭ ވާހަކައެވެ. އެފަނިތައް މަރާ ވާހަކައެވެ. ފައިން އަރާ ޖިސްކޮއްލާ ވާހަކައެވެ. އެހެނަސް ކިތަންމެ ވަރަކަށް މެރިއަސް މަދު ނުވާ ވާހަކަ ގިނަ ރައްޔިތުން ދައްކަމުން ދެއެވެ.
ދާދި ފަހުން މިފަނިތަކުގެ އުނދަގޫ އިންތިހާއަށް ކުރަމުންދިޔަ އައްޑޫ ޒުވާނަކު މިވަނީ ފަނީގެ އުދަނގުލަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާފައެވެ. މިއީ ގިނަ ބަޔަކަށް އުފާވެރި ހަބަރަކަށް ވެދާނެއެވެ. ނަމަވެސް އަދި މި ހައްލުގެ ސަބަބުން ނުކުމެދާނެ އެހެން ކަމަކާއި މެދު ވިސްނިފައި ނުވެއެވެ. އަދި މިކަން ދާއިމީ ގޮތަކަށް ކުރާނެ ގޮތަކާއިމެދުވެސް މަޝްވަރާ ކުރެވިފައި ނުވެއެވެ. ނަމަވެސް މިއުކުޅަކީ ވަރަށް ފަސޭހަ އަދި އެހާމެ ޚަރަދު ކުޑަކޮށް ކޮށްލެވޭނެ ކަމެކެވެ.
ކޮންމެއަކަސް ފަނި މަދުކުރުމަށް މިޒުވާނާ ބޭނުންކުރަމުން ދަނީ ކަރާސީނު ތެލެވެ. ނުވަތަ ސާފު ތެލެވެ. އެގޮތުން މިތެޔޮ ސްޕްރޭ ކުރެވޭކަހަލަ ފުޅިއަކަށް އަޅައިގެން ފަނިތައް އާއްމުކޮށް އުޅޭތަންތަނަށް ސްޕްރޭ ކުރުމުން އިސާހިތަކު ފަނިތައް މަރުވާ ކަމަށް ވެއެވެ. އަދި ދެވަނަ ފަހަރަށް އެތަނެއްގައި އެފަނި އާލާ ވެސް ނުވާކަމަށް ވެއެވެ. ހަމަ އެގޮތަށް އެކަހެރިކޮށް ދަތުރު ކުރަމުންދާ ފަނިތަކަށް ވެސް މިގޮތަށް ތެޔޮ ޖެހުމުން އިސާހިތަކު މަރުވާކަމަށް ވެއެވެ.
މިގޮތަށް މިފަނިތައް މަރުވާނަމަ މިއީ އުފާވެރި ޚަބަރެކެވެ. ފަނީގެ އުނދަގުލުން ރެކެން ބޭނުންވެފައި ތިބި އެތައްބަޔަކު ހެއްވާލާ ފަދަ ޚަބަރެކެވެ. މިކަމަށްޓަކައި ރަށުފެންވަރުގައި ދުވަހެއް ފާހަގަ ކޮށްގެން ވެސް މިއީ ކުރަން ޖެހިފައި އޮތް ކަމެކެވެ. އެންމެން އެއް ރޫހެއްގައި ނުކުމެ ހުރިހާ ފަނިތައް ނައްތާލަން ވީއެވެ. އޭރުން ފަނީގެ އުނދަގުލުން ރަށް ސަލާމަތް ކުރެވުނީއެވެ.
މިފަނީގެ އުނދަގޫ އިތުރަށް ބޮޑު ވިޔަ ނުދިނުމަށްޓަކައި މިކަމަށް އަދި އިތުރު ހައްލުތައް ހޯދަން ޖެހިފައި ވެއެވެ. ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދަން ޖެހެއެވެ. އަދި އެކަން ސަރުކާރުގެ ވުޒާހަރާތަކާއި ގުޅިގެން ދާއިމީ ގޮތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ކުރަން ޖެހެއެވެ. އެހެން ނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން ސިއްޙީ ބަލިމަޑު ކަމެއް އުފެދުން ގާތެވެ.

4 ކޮމެންޓް
ސިނޯ
އޭޕްރީލް 6, 2020
މައުލޫމާތައްޓަކައި: ތިފަނި އެންމެފުރަތަމަ ފެންނަންފެށީ ހުޅުމާލެއިން. ރޭލުފަނި މަރަން ކަރާސީނު ތެޔޮ ބޭނުންކުރާނަމަ، ލަހުން ހުޅުހިފާ ކަރާސީނު ރަނގަޅުވާނެ.
?
މާޗް 10, 2020
Thei merei mei dhovaa nibei vas ??
Ibra
ފެބުރުއަރީ 29, 2020
Ginaee cigarette boe ulhey meehun. Alifaanuge haadhisa eh hingumakee varaha faseyhain vedhaane kameh
Hazrath
ފެބުރުއަރީ 29, 2020
Mauloomathataka dhannavalan. thi fani emme furathamama ufedhigathee kunikoshin