English Edition
Dhivehi Edition

ދިވެހިންނަކީ ރަނގަޅު މުސްލިމުންނަށްވީ ހިދު، އެހެން ގައުމުތަކުގެ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިވުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަމާލް ކުލޫނީ އަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ރާއްޖެ ތަމްސީލު ކުުރުމަށް މަޝްހޫރު ވަކީލް އަމާލް މަސައްކަތް ކުރަން ހަމަޖެހުމުން ވަރަށް ބޮޑަށް އުފާ ކުރައްވާކަމަށެވެ.

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމި ކަން އިއުލާން ކުރެއްވީ، މިދިޔަ އަންގާރަ ދުވަހު އެވެ. އެކަން އިއުލާން ކުރެއްވީ، ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ތަގުރީރު ކުރައްވަމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ގެމްބިއާ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އަށް ހުށަހަޅާފައިވާ މިއަންމާގެ ރޮހިންޖާ މުސްލިމުންގެ މައްސަލަ އަށް ރާއްޖެ އިން ތަދައްހުލް ވުމަށް ވަރަށް އަވަހަށް އެ ކޯޓަށް ހުށަހަޅާނެކަމަށެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަމަލުތަކުގައި ރޮހިންޖާގެ އެތައް ހާސް ބަޔަކު މަރާފައިވާއިރު އެ އަނިޔާތަކާ ގުޅިގެން 700،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.