މަނީލޯންޑްރިންގގެ ދައުވާ ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފުލުހަށް ހާޒިރުކޮށްފި އެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އިއްޔެ ވިދާޅުވީ އެމަނިކުފާނުގެ އިތުރު ދެ މައްސަލައެއްގައި މިއަދު 14:00 އަށް ފުލުހުންގެ ތަޙުޤީޤަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި ފުލުހުންނަކީ ސަރުކާރުން ޖަހާ ބެރަކަށް ނަޝާތަނަކަށްވެ ނިމިއްޖެ ކަމަށް ވިދާޅުވެ، ޤައުމަށް ޤާނޫނު އަސާސީގެ ދަށުން މިނިވަން މުއައްސަސާތައް ލިބޭނީ ކޮން ދުވަހަކުން ކަމާމެދު ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައިވަނީ ރައީސް ޔާމީން މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމާއި، އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގި އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އަދި ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށްވަނީ ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ޖަލު ޙުކުމް ހައި ކޯޓުގައި ނޮވެމްބަރު 30 ވަނަ ދުވަހު އިސްތިއުނާފުކޮށްފައިވާއިރު، ހައި ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް ފަށައިފަ އެވެ.