English Edition
Dhivehi Edition

ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް އަމާޒުކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ “ދަސްވާރު” ޕްރޮގްރާމް ހުއްޓާލުމަށްފަހު، “ހޭވައްލާ”ގެ ނަމުގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ސްކޫލް ދައުރުގައި ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް އުގަންނައިދިނުމުގެ ބޭނުމުގައި ފެށި “ހޭވައްލާ” ޕްރޮގްރާމް ފައްޓަވައިދެއްވީ، ރޭ ރ. އުނގޫފާރު ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެޑިއުކޭޝަނުން ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އެ ޕްރޮގްރާމް އަމާޒުކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް ކަމަށް ވާތީ ގިނަ ދަރިވަރުންތަކެއް ތައުލީމީ ސަފުން ބާކީވެ، އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބުނެ އެވެ. މި ގޮތުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ދަސްވާރުން ބުނެދިނީ ހުނަރު ޕްރޮގްރާމް ހިންގަނީ ނުކިޔަވާ ދަށް ކުދިންނަށާއި ސިޔާސަ ކުދިންނަށް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ ހަގީގަތުގައި ހުނަރު ދަސްކުރަން ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ނުލިބި ހުނަރު ލިބުން މަދުވެގެން ދިއުންކަމަށެވެ.

ރޭ އިފްތިތާހް ކުރި ހުނަރު ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމާ ވަރަށް ބޮޑަށް ތަފާތު ޕްރޮގްރާމެކެވެ. މި ގޮތުން “ހޭވައްލާ” ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ހުރިހާ ކުދިންނަށެވެ.މި ޕްރޮގްރާމާއި ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ހުނަރު އުނގެނެން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހޭވައްލާ ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބޭނެ ކަމަށާއި އަދި މިކަމުގައި ކުއްޖާގެ ތައުލީމީ ފެންވަރަށް ނުބަލާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 20 ސްކޫލެއްގައެވެ.