ކުރިއަށް އޮތް ތިން އަހަރުތެރޭގައިވެސް އެމްޑީޕީއަށް ކުރިން ބާއްވާކަހަލަ ބޮޑު ބިޔަ ޖަލްސާއެއް އަތޮޅުތެރޭގެ މީހުންނަށް ފައިސާ ދީގެން މާލެ ގެނެސްގެން ނޫނީ ނުބޭއްވޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.w
އުމަރު ވަނީ އެމްޑީޕީގެ އަމަލުތައް ކުރީ ސަރުކާރާ އެއްވެސް ތަފާތުކަމެއް ނެތި ދާދި އެއް ހަމައެއްކަމަށް ވިދާޅުވެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އުމަރު ވިދާޅުވީ ރައްޔިތުން ތިބީ އެމްޑީޕީން ދައްކަމުން އައި ވާހަކަތައް އަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ ކިހާ ވަރަކަށްތޯބަލަން ކަމުގައެވެ.މީގެ އިތުރުން އުމަރު ވިދާޅުވީ މި ސަރުކާރުގެ ޕާފޯމަންސަށް ބަލާއިރު އެއްވެސް ކަމެއްކުރެވިފައި ނުވާކަމަށާއި ކޮންމެ ދާއިރާއެއްގައި ތިބޭ މީހުންގެވެސް ކަމަކީ އެކި ގޮތްގޮތަށް ލާރި ނެގުންކަމަށެވެ.ކޮރަޕްޝަންވެސް ކުރިއަށްވުރެ އިތުރުކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ އެމްޑީޕީ އަށް ތާއީދު ކޮށްގެން ތިބި މީހުންވެސް މާޔޫސްވެފައިވާކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު ‘ރަށްވެހި ފަތިސް”ގެ ނަމުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް އެމްޑިޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ އިތުރުން އަތޮޅުތެރޭގައި ބޭއްވި ޖަލްސާތަކަށް ހާޒިރުވީ މީހުންގެ އަދަދު މަދުވުމާއި ގުޅިގެން ގިނަ ބަޔަކުވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ގޮތުން ބައެއް މީހުންވަނީ ވެރިކަމަށް އެއްއަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް ރައްޔިތުންނަށް ފައިދާ ހުރި ތަރައްޤީގެ ބިޔަ މަޝްރޫއުތައް ނުފެށުމާއި، ރިސޯޓްތަކުގެ މުއައްޒަފުންނަށް ވީ ވައުދު ނުފުއްދުމުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްވީ ވައުދުތައްވެސް ނުފުއްދި ލަސްވެގެން ދިއުމަކީ އެމްޑީޕީގެ ނާކާމިޔާބީގެ ފެށުންކަމުގައި ބުނެފައެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމްޑީޕީއަށް ތެދުވެރި މީހުން ދުރުކޮށް ޕާޓީއަށް ވަންނަ އާ މެމްބަރުން ޕާޓީއަށް އަތްގަދަ ކުރުމުގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް ޕާޓީގެ ހިޔާލާއި ފިކުރާއި ނުގުޅޭ މީހުން ޕާޓީއަށް ވެއްދުމަކީވެސް ޖަލްސާައި މީހުން މަދުވެގެން ދިޔަ ސަބަބެއް ކަމަށެވެ.