English Edition
Dhivehi Edition
ދިވެހި ޒުވާނުންތަކެއް - ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހު ކަމަށާއި، އެ މިނިސްޓްރީގެ ފަރާތުން އެ ދުވަސް ފާހަގަ ކުރުމަށް ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައި ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ ޒުވާނުން ބައިވެރިކުރުމަކީ އެ ދުވަސް ފާހަގަ ކުރުމުގެ އެއް މަޤްޞަދު ކަމުން މިފަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ގަސްތުކޮށްފައިވަނީ އަތޮޅުތެރޭގައި ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން އެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް 10 މާރިޗު 2020 އަންގާރަ ދުވަހު 11:00 އަށް މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް އެ މިނިސްޓްރީން އެދެއެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ރަށެއްގައި މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ރަސްމީ ޖަލްސާ ބޭއްވިގެން ދާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެކަމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝަލް ސެންޓަރ) ގެ ކައުންޓަރ އަށް ނުވަތަ އީމެއިލް މެދުރިކޮށްނަމަ [email protected] އަށް ޕްރޮޕޯސަލް މެއިލްކޮށްގެންވެސް ހުށަހެޅިދާނެ އެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ 30 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 01:00 ކުރިން ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

އެގޮތަށް ނިންމެވީ ، އެ ދުވަހަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާއި، ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެންނެވެ.