English Edition
Dhivehi Edition

ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިގެންދާ ހައްޤުތައް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ‘މަސަލަސް ރާއްޖެ’ ގެ ނަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން ހިންގަވާ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ނަސީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ގިނަގުނަ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި މިގޮތުން 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޙައްޤުތަކެއް ލިއްބައިދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ޖާގަ މި ޤާނޫނު އަސާސީން ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކުގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތު ލިބިފައިވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ކަމަށެވެ.

ޤާނޫނުތަކަކާއި އުޞޫލުތަކެއް ހެދިފައިހުންނައިރު އެޤާނޫނެއްގައި ބުނާ އެއްޗެއް ހުރިހާ އެންމެންނަށް ވަރަށް ރަނގަޅަށް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން 16 މުއައްސަސާއެއްގެ ބައިވެރިވުމާއެކު މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ‘މަސަލަސް ރާއްޖެ’ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ބްރޯޑްކާސްޓިންގ ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، ސިވިލް ސަރވިސް ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ، ހޯޕް ފޮރ ވުމެން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމެންޓް އަދި އިސްލާމިކް ޔުނިވަރސިޓީ ބައިވެރިވެވަޑައިގަންނަވައެވެ.