English Edition
Dhivehi Edition
އީސީގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނަގަން އިދިކޮޅު އެމްޑީޕީ އިން ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވިީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީއެވެ. އޭނާ ހުށަހެޅި އިސްލާހުގައި ވަނީ އީސީ އަށް މެންބަރުން އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށެވެ.

އެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހުގައި ވަނީ، އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާ، ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އައުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެންބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށެވެ. އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ދައުރަކީ އީސީގެ މެމްބަރުކަމަށް މަޖިލީހުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުން އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ގާނޫނު މިހާރު އޮންނަ ގޮތުން މެންބަރު ކަމަށް އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް މެންބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްވުމުންނެވެ.