English Edition
Dhivehi Edition

މަޝްހޫރު ވާހަކަލިޔުންތެރިއެއް ކަމަށްވާ ޑީން ކޫންޓްޒް މީގެ 40 އަހަރު ކުރިން ލިޔުނު ވާހަކައެއްގައި ކޮރޯނާވައިރަސް އާއި ގުޅުން ހުރި ވާހަކަތަކެއް ހުރިކަމަށް ބުނެ އެ ފޮތުގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެން ފަށައިފިއެވެ.

” ދި އައިސް އޮފް ޑާކްނެސް” ގެ ނަމުގައި 1981 ވަނަ އަހަރު ޑީން ލިޔުނު ޖާސޫސީ ވާހަކައިގައި ލިޔެފައިވަނީ ޗައިނާގެ މިލިޓަރީ ލެބެއްގައި ބައިލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި މި ވައިރަސް އުފައްދާފައިވާ ކަމަށެވެ.

މި ފޮތުގެ 39 ވަނަ ސަފުޙާގައި ލިޔުންތެރިޔާ ލިޔެފައިވަނީ އެ ލެބް ހުންނަނީ ވޫހާންގައި ކަމަށާއި އެމީހުން އުފެއްދި ވައިރަހުގެ ނަމަކީ ވޫހާން- 400 ކަމަށެވެ.

މި ފޮތުގައިވާ ވާހަކަތަކަށް ބިނާކޮށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަވަމުން އިންޑިއާގެ ކޮންގްރެސް ލީޑަރ މަނިޝް ތެވާރީ ވަނީ މިހާރު ޗައިނާގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް އަކީ އަސްލުގައިވެސް ޗައިނާގެ މީހުން އުފައްދާފައިވާ ބައިލޮޖިކަލް ހަތިޔާރެއްތޯ ސުވާލު އުފައްދަވާފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާއިރު ބައެއް މީހުން ބުނަމުން ދަނީ މިއީ ގަސްތުގައި ބަޔަކު ޗައިނާގެ އާ އަހަރާއި ދިމާކޮށް އެގައުމަށް ދިން ޓެރަރިޒަމްގެ ހަމަލައެއް ކަމަށެވެ. އަދި ވޫހާން ސިޓީއަކީ ޗައިނާގެ ދަތުރުފަތުރުގެ މައި ސިޓީއަށް ވެފައި އާހަރުގެ ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު ދަތުރުފަތުރު ކުރާނެތީ ވޫހާންއަށް މި ހަމަލަ ދިނުމަކީ މުޅި ޗައިނާއަށް ވައިރަސް ފަސޭހަކަމާއެކު ފެތުރިގެންދާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ނަން މިހާރު ކޮވިޑް-19 ވައިރަސްގެ ނަމަށް ބަދަލުކޮށްފައިވާއިރު ޗައިނާއިން ވަނީ ވައިރަސް އަރާފައިވާ ގާތްގަނޑަކަށް 70،000 މީހުންނާ ގުޅޭ ދިރާސާއެއް އާންމުކޮށްފައެވެ.

ރޯގާ ފެތުރެން ފެށި ފަހުން ޗައިނާ އިން މިހާތަނަށް ހެދި އެންމެ ބޮޑު ދިރާސާގައި ބުނެފައި ވަނީ އެންމެ ނުރައްކާ ބޮޑު ބަޔަކީ މެޑިކަލް ސްޓާފުން ކަމަށެވެ. ދިރާސާގައި ބުނެފައިވާ ގޮތުގައި ބަލި ޖެހޭ މީހުންގެ ނިސްބަތުން މަރުވާ ރޭޓަކީ 2.3 ޕަސެންޓެވެ. ބަލި އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގައި މީހުން މަރުވާ ރޭޓަކީ 2.9 ޕަސެންޓެވެ. ޗައިނާގެ އެހެން ހިސާބުތަކުގައި އެ ރޭޓް އުޅެނީ 0.4 ޕަސެންޓުގަ އެވެ.

ވައިރަސް އަރައިގެން އިއްޔެއާ ހަމައަށް މަރުވެފައި ވަނީ 1،868 މީހުންނެވެ. ވައިރަހަށް ވަނީ 72،436 މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނި ވަނީ 98 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 93 މީހުން މަރުވީ ހުބެއި ޕްރޮވިންސް އިންނެވެ. އަލަށް ވައިރަސް އިއްޔެ އަރާފައި ވަނީ 1،886 މީހެއްގެ ހަށިގަނޑަށެވެ. މީގެ ތެރޭން 1،807 މީހުން ފެނިފައި ވަނީ ހުބެއި ޕްރޮވިންސް އިންނެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭން 12،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.