English Edition
Dhivehi Edition

ރާއްޖޭގެ ފަޅަކީ ބިމުގެ ގޮތުގައި ބަލައިގަނެ، އެ ތަނުގައި ދިރިއުޅެވޭނެ ގޮތް ހެދެން އެބައޮތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރި ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގައި ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށާއި ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭކަމަށެވެ.

ފަޅުމަތީގައި ގެ އަޅައިގެން ދިރިއުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެންނަ ކަމެއް ކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ވިސްނުން ރަނގަޅަށް ގެންގޮސް، ތަރުތީބުކޮށްފި ނަމަ ބައެއް ރަށްރަށުގައި އުފެދިފައި އޮންނަ ފަޅުމަތީގައި ދިރިއުޅެވޭނެ ގޮތް ހެދޭނެކަމަށެވެ. “ފަޅުތަކަކީ ބިން ކަމުގައި ބަލައިގަނެ އެތަނުގައި ދިރިއުޅުމުގެ ވިސްނުމެއް ގެންގުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑުގެ ސިކުނޑިއަށް މިހާރު ފެންނާތީ އެ ވާހަކަ ފްލޯޓްކޮށްލަން އަޅުގަނޑު ބޭނުންވޭ، އެއީ މި ދިވެހިރާއްޖޭގައި ޔޫރަޕު މީހުން އުޅެނީ ހަމަ ގައިމުވެސް އެކަހަލަ ތަންތަނުގައި. އެމީހުން އުޅެން ބޭނުންވަނީވެސް އެކަހަލަ ތަންތަނުގައި” އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މިއީ އަގު ކުރަން ޖެހޭ ބޮޑު ކަމަކަށްވިޔަސް، އެއީ ގެންގުޅެން ޖެހޭ ހިޔާލެކަމަށާއި އެހެންނަމަވެސް މިއީ ކޮންމެ ރަށެއްގައި ކުރެވޭނެ ކަމަކަށް ނުވެދާނެކަމަށް ވިދާޅުވިއެވެ. މި ކަން ކުރެވޭނެ އަތޮޅުތައް ފާހަގަކުރައްވަމުން އަސްލަމް ވަނީ ދެކުނުގެ އަތޮޅުތަކުގައި ކުރެވިދާނެކަމަށާއި އެގޮތުން އެއް ފަޅެއްގައި ގިނަ ރަށްތަކެއް އޮތް ބޮޑެތި ފަޅުތައް ހުރި ތަންތަން އެގޮތަށް ބަަދަލުކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު އަސްލަމްގެ އެ ހިޔާލާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ހިޔާލު ކުލަކޮށް ސިފަވާގޮތަށް ކިޔަައިދެއްވުމަށް އެދިވަޑައިގެންފައެވެ. ނަޝީދު ގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އަސަލަމް ވިދާޅިވީ އެ ފަޅުތަކުގައި ޕްލޭނެއްގެ ދަށުން ގޯތި ކަނޑާފައި ގޯތި ދޫކުރެވޭނެކަމަށާއި ސަރުކާރުން އިންފްރާންސްޓްރަކްޗާގެ ގޮތުގައި ބިނާކޮށްދޭން ޖެހޭނީ މަގުތަކާއި ފެނާ ނަރުދަމާއެ އަޅާދިނުންކަމަށެވެ.

މިނިސްޓަރު އަސްލަމްގެ އެވާހަކަފުޅާ އެކު މަޖިލީހުގެ ރައީސް ނަޝީދުވަނީ ހުރިހާ މެމްބަރުން “އޯވާ ވޯޓާ ދިރިއުޅުމަށް” ތައްޔާރުވެވަޑައި ގަތުމަށް ގޮވާލާފައެވެ.