English Edition
Dhivehi Edition

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކެއްގެ އޯޑިއޯގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ކަމަށް ފާހަގަވާތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ އޯޑިއޯއާ ގުޅޭ ކަންކަން އިތުރަށް ސާފުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ކެބިނެޓުގެ ބައެއް ވަޒީރުންނާ ބެހޭ ގޮތުން އަލީ ވަހީދު އާއި އަޑުބަރޭ ދައްކާފައިވާކަމަށް ބުނާ ވާހަކަތަކުގެ ފަސް އޯޑިއޯ އެއް މިހާތަނަށް ލީކުވެފައިވާއިރު އަލީވަހީދު ވަނީ އޯޑިއޯތަކާއި ގުޅޭގޮތުން ތަޙްޤީޤެއް ހިންގައި ދިނުމަށްވެސް އެދިވަޑައިގެންފައެވެ.އޯޑިއޯތަކާއި ގުޅިގެން އަލީ ވަހީދު އާއި އަޑުބަރޭވެސް އެކަން ދޮގުކޮށްފައިވާއިރު ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކުރެއްވީ އެ އޯޑިއޯ ލީކުކޮށްލީ އެފްއޭމްގެ އިންތިޚާބާ ގުޅުވައިގެން ކަަމަށެވެ.

އަލީ ވަހީދުގެ އޯޑިއޯގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ކެބިނެޓުގެ ބައެއް ވަޒީރުންނާ ބެހޭ ގޮތުން ވަނީ ވަރަށް ހަޑިހުތުރު ބަސްތަކެއް ބޭނުންކޮށް ވާހަކަދައްކާފައެވެ. އެ އޯޑިއޯތަކުގައި އެންމެ ބޮޑަށް މަލާމާތްކޮށް ހުތުރުއެއްޗެހި ކިޔާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޓޫރިޒަމް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށެވެ.

މި އޯޑިއޯތަކާއި ގުޅިގެން އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާ އޭނާއަށް ފާޑު ކިޔުންތައް އަމާޒުވަމުންދާ އިރު މި މައްސަލައާއި ބެހޭ ގޮތުން ކަމާއި ބެހޭ އިދާރާތަކުން އަދި މާ ބޮޑު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.