English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް (ޖީއެސްޓީ) ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެފުއް ފެންނަ، ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމަކަށް ހެދުމަށާއި، އެ ނިޒާމަކީ ބައިނަލްއަގްވާމީ ގޮތުން ޤަބޫލުކުރެވޭ މިންގަނޑުތަކާ އެއްހަމައެއްގައި ހުރި ނިޒާމަކަށް ހެދުމަށްޓަކައި، ޓެކުހާގުޅޭ ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު އިސްލާހުކުރުމަށް ނިންމާފައިވާތީ، އެ ޤާނޫނަށް އިސްލާހު ގެންނަން ފެންނަ އިސްލާހިތަކާއިމެދު ޚިޔާލު ފާޅުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖީއެސްޓީ ޤާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާނަމަ 05 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓުގެ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެދޭ ކަމަށެވެ. އަދި ފޮނުވާ އިސްލާހުގެ ޕީ.ޑީ.އެފް ކޮޕީއާއެކު މައިކްރޮސޮފްޓް ވޯރޑް ޑޮކިއުމެންޓް ހިމެނުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު ތަސްދީޤު ކުރީ 02 ސެޕްޓެމްބަރު 2011 ގައެވެ.