English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ ރައީސް އޮފީސް

ޗައިނާގައި ފެތުރިފައިވާ ކޮވިޑް-19 އާއި ގުޅިގެން އެ ޤައުމުން އިންޑިޔާއަށް ކަރަންޓީން ކުރުމަށް ގެނައި 7 ދިވެހީން މާދަމާ ރާއްޖެ ގެންނަ ގޮތަށް ހަމަޖައްސައިފިއެވެ.

7 ދިވެހީން ޗައިނާގެ ވުހާން ސިޓީއިން އިންޑިޔާއަށް ގެންގޮސްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު އިންޑިޔާގެ ޚާއްސަ ފްލައިޓެއްގައި އެވެ. މި7 ދިވެހިންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭއިރު މި އެންމެން އިންޑިޔާއަށް ގެންގޮސްފައި ވަނީ ވުހާން ސިޓީގައި ތިބި އިންޑިޔާގެ ރައްޔިތުން ނަގަން އިންޑިޔާ ސަރުކާރުން ވުހާންއަށް ދިޔަ ފްލައިޓަކުންނެވެ.

މިމީހުން އިންޑިޔާގައި ކަރަންޓީން ކޮށްފައި ވަނީ އިންޑިޔާގެ ނިއުދިއްލީގެ ޗައުލާގައި ގާއިމުކޮށްފައިވާ ކަރަންޓީނު ސެންޓަރެއްގައި އެވެ. މިއިން އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވް ނުވާކަމަށް އިންޑިޔާއިން މީގެ ކުރިން ބުނެފައިވާއިރު އެމީހުން ވަނީ 14 ދުވަސް ވަންދެން އިންޑިޔާގައި ކަރަންޓީން ކޮށްފައެވެ.

މިރޭގެ ވަގުތެއްގައި 7 ދިވެހީންވެސް ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހުން ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި އެވެ.

ނުރައްކާތެރި ކޮރޯނާ ވައިރަހަށް ރައްކާތެރިވުމުގެ ގޮތުން ރާއްޖެއަށް ސީދާ ޗައިނާއިން އަޅާ ފްލައިޓްތައް ސަރުކާރުން ވަނީ މެދުކަނޑާލާފައެވެ. ޗައިނާގައި ވައިރަސް ޖެހިގެން މިހާތަނަށް 1،770 މީހުން މަރުވެފައިވާއިރު 70،000 ހަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.