English Edition
Dhivehi Edition

މަތީ ތައުލީމް ހާސިލްކުރުމަށް 550 ސްޓޫޑެންޓު ލޯން ދޫކުރަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ކުރިއާއި ހިލާފަށް މިފަހަރު ސެޓްފިކެޓުތަކުގައި އަސްލާއި އެއްގޮތަށް ތައްގަނޑު ޖެހުން ނުހިމަނާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރު ލޯނު ދޫކުރުން މުޅި ރާއްޖެއަށް ހުޅުވާލުމަށްޓަކައި ލޯނު ދޫކުރާނީ މަޖިލިސް މެމްބަރުންގެ ދާއިރާތަކުން ، ކޮންމެ ދާއިރާ އަކަށް ނިސްބަތްވާ އެއް ކުއްޖަކަށް ކަމަށެވެ. މިއަދުން ފެށިގެން ލޯނަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މަތީ ތައުލީމަށް ކިޔެވުމަށް ދޫކުރާ ލޯނާއި ބެހޭ އުސޫލުތައް ގެޒެޓް ކުރެވިފައިވާއިރު ލޯނަށް އެދުމުގެ ސުންގަޑި އަކީ މާޗްމަހުގެ 9 ވަނަ ދުވަހެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރު ލޯނު ދޫކުރުމުގައި އެންމެ އިސްކަންދޭ އެއް ކަމަކަށް އޮތީ މާލީ ފުއްދުންތެރިކަން ކުޑަ ފަރާތްތަކަށް ލޯނު ދޫކުރުމުގައި އިސްކަން ދިނުން ކަމަށެވެ. މިނިސްޓްރީން ދޫކުރާ ލޯނުގައި 67 ދާއިރާއަކުން ކިޔެވުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި ދާއިރާތައް ކަނޑައަޅާފައި ވަނީ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.