ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ރޭ މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާންޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހަވްލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނި ހުރިމީހެއްކަން އެހެންމީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށެވެ. އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށާއި ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
” މުޖުތަމައަށް ނުކުމެ މަސައްކަތް ކުރާއިރު އަބަދުވެސް މަސައްކަތް ކުރަންވާނީ ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް މުޖުތަމައަށް ގެނެވޭތޯ” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި އެދުވަސްތައް މުހިއްމުވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާއި ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ ކަމަށެވެ.
“އެދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓަރ ބައްޓަންވެގެންދާނެ ދުވަސްތަކެއް. ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއް ކަމަށްވާތީ. ތިމާ ތައުލީމު ހާސިލުކުރާ ދާއިރާއިން އެހެންމީހުންނާއި ގުޅި ގާތްކަން ލިބޭ ފުރުސަތަކަށް ވެގެންދާތީވެ. އެއްގޮތަކަށްވުރެ ގިނަ ގޮތަކަށް ދަންނަވާނަމަ ކޮލެޖެއްގައި ތައުލީމު ހޯދަން މަސައްކަތް ކުރާ ދުވަސްވަރަށްވުރެ ވަކިން އުފާވެރި ދުވަސްތަކެއް ހަޔާތުގައި ނާންނާނެ. ” މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރ އިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށާއި ރާއްޖެއަށް މީހުން ބޭނުންވެފައިވާ ދާއިރާތަކަށް މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނިކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖޭގެ ކޮލެޖުތަކުން ސަރުކާރާއި އެކީ މަސައްކަތްކުރާކަމަށާއި ގައުމަށް ލިބެމުންދާ ރޯޝަނީ ދުވަސްތަކަކީ އެންމެން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.