English Edition
Dhivehi Edition

ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހަށް އިއްޔެ އެކަނިވެސް ޗައިނާގެ 2048 މީހަކު ޕޮސިޓިވް ވެފައިވާކަމަށް އެޤައުމުގެ ނޭޝަންލް ހެލްތް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ. އިއްޔެ އިތުރުވެގެންދިޔަ ޢަދަދާއެކު މިހާތަނަށް 70548 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

ޗައިނާގައި އިއްޔެ ވަނީ 105 މީހަކު މިބަލީގައި މަރުވެފައެވެ. މިހާތަނަށް މިބަލީގައި މަރުވި މީހުންގެ ޢަދަދު 1770 އަށް އަރާފައިވެއެވެ.

މިބަލީގައި މަރުވާ ރޭޓް ދަށްވަމުން ދާތާ 4 ދުވަސް ވެ ފައިވީނަމަވެސް ވައިރަސް ފެތުރޭ މިންވަރު މިހާރުވެސް އިތުރުވަމުން ދާތީ ޗައިނާގައިދަނީ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިއަދު ފާހަގަ ވެގެންދިޔައީ ހުބޭ ޕްރޮވިންސް ގެ ސިޓީތަކުގައި ޕްރައިވެޓް ވެހިކަލް ދުއްވުންވެސް މަނާ ކުރެވިގެން ދިޔަ ދިއުމެވެ. މީގެ ކުރިންވަނީ ވައިރަސް ފުރަތަމަ ފެނުނު ވޫހާން އާއި ހޫބެއި ޕްރޮވިންސުގެ ގިނަ ސިޓީތައް ބަންދުކޮށް ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައެވެ.

ނުރައްކާތެރި ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަފާތު ކަންތައް ތަކަށް ބަލާލާއިރު ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުންވަނީ މިއަދުގެ ވަގުތެއްގައި ޑަބްލިއު އެޗް އޯ ގެ ތަޖްރިބާކާރުންގެ ވަފްދެއް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޖަޕާން ވައިރަސް ޝިޕް ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ޑައިމެންޑް ޕްރިންސެސްގައިތިބި އެމެރިކާގެ 300 އަށް ވުރެ ގިނަ ރައްޔިތުންގެ ތެރެއިން 14 މީހަކު ކޮވިޑް 19 އަށް މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. ޑައިމެންޑް ޕްރިންސެސްއިން މިއެންމެން ބޭލުމަށް ފަހު ޗާޓަރ ފަލައިޓެއްގައި އެމެރިކާއަށް ގެންދިއުމުގެ ތައްޔާރީތައް އެޤައުމުން ކުރިއަށް ގެންދާކަމަށް ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

މިއަދު ވަނީ ތައިލެންޑުންވެސް އިތުރު އެކަކު ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. ތައިލެންޑް ގައި މި ބަލިޖެހިފައިވާ 35 މީހަކު އެބަތިއްބެވެ.

ކުލަގަދަ ޙަފްލާތަކަކާއެކު ބާއްވަމުން އަންނަ ޖަޕާންގެ އެމްޕެރަރ ނަރުހީޓޯގެ އުފަންދުވަހުގެ ޚާއްސަ އިޙްތިފާލުތައް ވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ޢާއްމުންނާއެކު ނުބާއްވަން ނިންމާފައިވެއެވެ.

މިހިނގާ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުންފެށިގެން ޖަޕާންގެ ޔޮކޮހާމާގައި އޮތް ޑައިމެންޑް ޕްރިންސަސް ގައި ތިބި އޮސްޓްރޭލިއާގެ 200 މީހުން އަންނަ ބުދަ ދުވަހު އެޤައުމަށް ގެންދާނެކަމަށް އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސްގެ ހާއްޔަކަށް ވެފައިވާ ޑައިމެންޑް ޕްރިންސަސް ކްރޫޒްޝިޕްގައި ފިލިޕީންސްގެ ވައިރަހަށް ޕޮޒިޓިވް ވެފައިވާ 27 މީހުން އެބަތިބިކަމަށް އެޤައުމުގެ ފޮރިން އެފެއާޒުން ހާމަކުރީވެސް މިއަދުގެ ވަގުތެއްގައެވެ.

ޕިލިޕީންސްގެ 531 ފަޅުވެރިންނާއި 7 ފަތުރުވެރިއަކު މިބޯޓުގައި އެބަތިއްބެވެ.

ޗައިނާއިން ބޭރުން ވައިރަހަށް ޕޮޒިޓިވް އެންމެ ގިނަ މީހުން ފެނިފައި ވަނީ ޖަޕާނުންނެވެ. އެގޮތުން ޖަޕާނުގައި އޮތް ޑަޔަމަންޑް ޕްރިންސެސް ކްރޫޒް ޝިޕުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވް 330 މީހުން ފެނިފައިވާކަމަށް އެޤައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

މިހާތަނަށް ދުނިޔޭގެ 29 ޤައުމަކުން ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައިވެއެވެ.