English Edition
Dhivehi Edition
ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަޤާމަށް ފައިސަލް އާދަމް ޢައްޔަންކޮށްފި - ފޮޓޯ: ޑީޖޭއޭ

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރގެ މަޤާމަށް ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ. އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ ޤާނޫނީ ވަކީލު، އަލްއުސްތާޛް ފައިސަލް އާދަމް އެވެ.

ނުވަ އަހަރަށްވުރެ ދިގު މުއްދަތަށް ޝަރުޢީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފައިސަލް މިއަދާއި ހަމައަށް ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ލީގަލް އަދި މީޑިއާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ޑީޖޭއޭގެ ތަރުޖަމާނުވެސް މެއެވެ.

މީގެ އިތުރުން ފައިސަލް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ޑީޖޭއޭގައި އިންޓާނަލް އޮޑިޓަރެއްގެ މަޤާމުވެސް އަދާކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓަށް އެސިސްޓެންޓް ރަޖިސްޓްރަރއެއް ހޯދަން މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އިއުލާންކުރި އެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން ނޮވެމްބަރު 28ގައި ވަނީ އެ އިއުލާން ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރަރ އަށް މުސާރައާއި އިނާޔަތްތަކާއެކު ޖުމްލަ ޖުމްލަ 27،780ރ. ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 13،200ރ. އާއި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި 8،580ރ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 3،000ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 3،000ރ. އެވެ. އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެ އެވެ.

އެސިސްޓެންޓް ރަޖިސްޓްރަރގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގައި އާއި، ޝަރީޢަތްތައް ބޭއްވުމުގައި، ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، ފަނޑިޔާރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޯޓަށް މައްސަލަތައް ބަލައިގަތުމުގައި އާއި މައްސަލަތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއީ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި އަދި ކޯޓަށް ބޭނުންވާ ޤާނޫނީ ދިރާސާތައް ރަޖިސްޓްރަރ ޖެނެރަލްގެ ލަފަޔާއި، އިރުޝާދުގެ ދަށުން ކުރުމެވެ.