އދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތަރިން ހެސްވެލް، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
މަޤާމުގެ ފަތްކޮޅު އެރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސް ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުން ދައްކަވަމުން ރައީސް ވިދާޅުވީ، އ.ދ އަކީ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައި ބޮޑު ދައުރެއް ކުޅޭ ޖަމާއަތެއްކަން ފާހަގަކުރައްވާ، މިސް ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެޖަމާއަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެޖަމިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި، މިސް ކެތަރިން ހެސްވެލް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވާ ތަރައްޤީގެ އެޖެންޑާ ޙާޞިލްކުރުމުގައި އދ. ގެ ފަރާތުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. މިސް ހެސްވެލްގެ ވާހަކަފުޅުގައި އދ. ގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ތަޢުރީފުވެސް ކުރައްވާފައިވެއެވެ.
އެބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އިން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.