English Edition
Dhivehi Edition
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އައިޝަތު ނޫރާ މުޙައްމަދާއި ބައްދަލުކުރައްވަނީ - ފޮޓޯ: ހޯމް މިނިސްޓްރީ

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

އެމަޤާމަށް އައްޔަންކުރެއްވީ ހ. ނޫމުތީ، އައިޝަތު ނޫރާ މުޙައްމަދެވެ. އައިޝަތު ނޫރާ މުޙައްމަދު މަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި އަޙުމަދު މުޙައްމަދުފުޅު، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެނެވެ. އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމް ހުސްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

އަލަށް އެ މަޤާމަށް އައްޔަންކުރެއްވި އައިޝަތު ނޫރާ މުޙައްމަދަކީ ތައިލެންޑްގެ ޗުލަލޮންގކޯން ޔުނިވަރސިޓީން “މާސްޓަރސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް” ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމެރިކާގެ އަޕަރ ލޯވަރ ޔުނިވަރސިޓީން ބެޗްލަރސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަންވެސް ވަނީ ހާޞިލްކުރައްވާފައެވެ.

އައިޝަތު ނޫރާ މުޙައްމަދު އެންމެފަހުން މަސައްކަތްކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައެވެ. އޭގެކުރިން ނޫރާ ވަނީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރ، ޕްރޮގްރާމްގެ މަޤާމް އަދާކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައިވެސް ނޫރާ މަސައްކަތްކުރެއްވިއެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.