ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާ މި ހިނގާ ފެބްރުއަރީ މަހުގެ ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.
ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ފެބްރުއަރީ 28 ވާ ހުކުރު ދުވަހުގެ ރޭގަނޑު 08:00 ގައި ޤިޔާޞުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކަމަށާއި، އެ ޖަލްސާގައި ބައިވެރިވުމަށް އެ ކައުންސިލުގެ ހުރިހާ މެންބަރުންނަށް އަންގައި ދަޢުވަތު އަރުވާ ކަމަށެވެ.
އެ ޖަލްސާގެ އެޖެންޑާގައި ބާ ކައުންސިލުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ބާ ކައުންސިލުގެ ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ރިޕޯޓު ފާސްކުރުމާއި އަދި ޢާންމު މެންބަރުންގެ ފަރާތުން ހުށަހަޅާ ކަންކަން މަޝްވަރާކުރުމާއި ގޮތެއް ނިންމަންޖެހޭކަންކަމުގައި ކުރިއަށްދާނޭ ގޮތްތައް ކަނޑައެޅުން ހިމެނޭ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޖަލްސާގެ އެޖެންޑާގައި އާންމު މެންބަރުން ހިމަނަން ބޭނުންވާ ކަންކަން 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެ ކައުންސިލްގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިދިޔަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން “ދިވެހިރާއްޖޭގެ ބާ ކައުންސިލު” އުފައްދާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. އެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާ އަހަރަކު އެއްފަހަރު ބާއްވަން ޖެހެއެވެ. އެހެންކަމުން މިއީ އެ ކައުންސިލު އުފެދުނު ފަހުން ބާއްވާ އެފަދަ ފުރަތަމަ ޖަލްސާއެވެ.