ވައިރަހާއި ގުޅިގެން ފަހުގެ އައިފޯން ލޯންޗުކުރުން ލަސްވެދާނެ
5 ދުވަސް ކުރިން
އާމިނަތު ރައުފާ

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން އެޕަލް ކުންފުނިން ނެރޭ ފަހުގެ އައިފޯން ބާޒާރަށް ނެރުން ލަސްވެދާނެ ކަމަށް ޓެކްނޮލެޖީގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން މައުލޫމާތު ދީފި އެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އެޤައުމުގެ 63،000 ހާހަށްވުރެ ގިނަ މީހުންނަށް ޖެގިފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ. ޗައިނާގައި ވައިރަސް ފުރަތަމަ ފެނުނު ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސު ހިމެނޭ ގޮތައް އެޤައުމުގެ ބައެއް ސިޓީތަކުގައި ވަނީ ބޮޑެތި ފެކްޓަރީތައް ބަންދުކޮށްފައެވެ. ވުހާން ސިޓީ އެއްކޮށް ކަރަންޓީން ކޮށްފައިވާއިރު ގިނަ ސިޓީތަކުން މީހުން ބޭރުނުވުމަށް އެޤައުމުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advt

Advertisement

ވައިރަހާއި ގުޅިގެން ބަންދުކޮށްފައިވާ ފެކްޓަރީ ތަކުގެ ތެރޭގައި ފޯނު އުފައްދާ ފެކްޓަރީތައްވެސް ހިމެނެއެވެ. އެޕަލް ކުންފުނީގެ ގިނަ ފިހާރަތައް އަދި ފެކްޓްރީތައް ޗައިނާގައި ހުރި އިރު ހަފްތާއެއްހާ ދުވަސް ކުރިން މީގެ ތެރެއިން ބައެއް ތަންނަތަން ދެން ހުޅުވާނޭ ވަކި ތާރީހެއް ނުބުނެ ވަނީ ވަގުތީ ގޮތަކަށް ބަންދުކޮށްފައެވެ. ދުނިޔޭގެ މާކެޓުގައި އުފައްދާ ފޯނުތަކުގެ 85 އިންސައްތަ އުފައްދަނީ ޗައިނާގައި އެވެ.

ޗައިނާގައި އުފައްދާ މޯބައިލް ފޯން ބްރޭންޑް ތަކުގެ ތެރޭގައި އެޕަލް، އެލްޖީ، ސެމްސަންގް ހިމެނެއެވެ. ފޯނު އުފެއްދުން ވައިރަހާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާއިރު ކުރިޔަށް އޮތް މަސްތަކުގައި ފޯނުތަކުގެ އަގު އުފުލިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިހާރުވެސް ބައެއް ފޯނުތަކުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. އޭގެ ތެރޭގައި ތެޑްމީ އިން އިންޑިޔާގައި ވިއްކާ ނޯޓް 8 ގެ އަގުވެސް ވަނީ ވައިރަހާއި ގުޅިގެން ބޮޑުކޮށްފައެވެ. ސެމްސަންގް ގެލެކްސީ އޭ20 ފޯނުގެ އަގުވެސް އުފުލިފައިވާއިރު އެޕަލް ކުންފުނީގެ ފޯނުތަކުގެ އަގުވެސް އުފުލިގެން ދާނޭ ކަމަށް ބެލެވެއެވެ.

ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ އެޕަލް ކުންފުނިން ނެރޭ އެޕަލް އައިފޯން 12 ލޯންޗުކުރުން ފަސްވެދާނެ ކަމަށާއި ސެޕްޓެމްބަރުގައި އައިފޯން 12 ލޯންޗުކުރިކަމުގައި ވިޔަސް އެ ލިބުން އުނދަގޫ ވާނޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.