މި އަހަރު ޖަޕާނުގައި ބާއްވާ އޮލިންޕިކް ގޭމްސް އަށް އެތައް ހާސް ބަޔަކު އެ ޤައުމަށް ދަތުރުކުރާނެތީ އާއި އޭގެ ތެރޭގައި މުސްލިމުން ވެސް ހިމެނޭނެތީ، މުސްލިމުންނަށްޓަކާ ޖަޕާނުގެ އިންޖިނިއަރުން ‘މޮބައިލް މިސްކިތެއް’ އުފައްދައިފި އެވެ.
ޓޯކިޔޯ ސްޕޯޓްސް ކޮމްޕެނީ އިން އުފެއްދި މި މޮބައިލް މިސްކިތަކީ ދަތުރުމަތީގައި ފަސޭހަ ކަމާއެކު ނަމާދު ކުރެވޭފަދަ ޓްރަކެކެވެ. މިއީ އެތައް ހާސް މުސްލިމުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ މުޅިން އައު އުފެއްދުމެކެވެ. މި ޓްރަކްތައް އުފެއްދި ޔަސޫ ޕްރޮޖެކްޓްގެ ސީއީއޯ ބުނެފައި ވަނީ މުސްލިމުން ނަމާދުކުރުމަށް ޖަޕާނުގައި ހުރީ ވަރަށް މަދު މިސަކިތް ތަކެއް ކަމަށެވެ. އެ ކުންފުނިން ދެކޭގޮތުގައި އޮލިމްޕިކްސް ކުޅިވަރުތައް ބަލަން ޖަޕާނަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެ އެވެ. އަދި މި ޓްރަކްގެ ސަބަބުން އެމީހުންނަށް ފަސޭހަވެގެން ދާނެއެވެ.
ޖަޕާނުން އުފެއްދި މި ޓްރަކްތައް އިއްޔެ ޖަޕާނުގެ ޓޮޔޯޓާ ސިޓީ ގައި ހުންނަ ޓޮޔޯޓާ ސްޓޭޑިއަމްގައި ވަނީ ދައްކާލާފައެވެ. ޓްރަކްތަކުގެ އެތެރާއި ބޭރު ފެނިގެން ދިޔައިރު ޓްރަކް ތެރޭގައި ނަމާދުކުރަން ތިބި މުސްލިމުން ތަކެއްވެސް ވަނީ ފެނިފައެވެ. މި ޓްރަކް ގައި ވުޟޫ ކުރެވޭނޭ ގޮތް ހަމަޖައްސާފައި ވުމުން މިއީ މި ޓްރަކަށް ގެންނަ އިތުރު ފުރިހަމަ ކަމަށް ވާނެއެވެ. އަދި މީގެ ސަބަބުން ވުޟޫ ކުރުމަށް ފެން ހޯދުމަށް މުސްލިމުންނަށް ފަސޭހަވެގެން ދާނެއެވެ.
ޖަޕާނުގައި އެއް ލައްކައާއި ތިން ލައްކައާއި ދެމެދަށް މުސްލިމުން ދިރިއުޅެމުން ދެއެވެ. އެޤުމަށް ދަތުރުކުރާ މުސްލިމް ފަތުރުވެރިންނަށްވެސް އަލަށް އުފެއްދި ޓްރަކް ތަކުގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެން ދާނެއެވެ.