English Edition
Dhivehi Edition

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ) އާއި މަޝްވަރާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ހަވާލުކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެކަން ބަލައި ދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް މީގެ ކުރިން އެކަން ބަލާ މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ވަނީ ސީޕްލޭން ޓާމިނަލްގެ އޮޑިޓެއް ވެސް ހަދައިފައެވެ.

އާ ސީޕްލޭން ޓާމިނަލްގެ އޮޑިޓުން ދަައްކާ ގޮތުން ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގައިފި ނަމަ އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެގޮތުން އެ ޓާމިނަލް ހިންގައިގެން އެމްއޭސީއެލްގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު ޓީއެމްއޭއަށް ޓާމިނަލް ދޫކޮށްފި ނަމަ އެމްއޭސީއެލްއަށް އަހަރަކު 41 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އާ ޓާމިނަލްގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅު ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދެވަނަ ރަންވޭ އެއް ހުޅުވާ އެއާރޕޯޓް ބާރަށް ހިންގަން ފެށުމަށް ދިވެހި ސަރުކާރާއި ޓީއެމްއޭ އަށް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންތައްތައް ނިންމުން ވަރަށް މުހިއްމުކަމަށެވެ. “ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާނަމަ އެ ކަންކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެންކަމެއް” ނަޝީދު ވިދާޅުވިއެވެ. މި މައްސަލައިގައި ނަޝީދު ކުރެއްވި ދެވަނަ ޓުވިޓްގައި ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭ ގެ މުއާމަލާތެއް ހިންގާފައިވަނީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ކަމަށެވެ. އަދި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭންޖެހިދާނެކަމަށެވެ. އެހެންކަމުން ސަރުކާރާއި ޓީއެމްއޭ އަށްވެސް ފައިދާހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރިކަމަށާއި ގޯސް ހެއްދެވި މީހުން ހޯދަން އަވަސް ތަހުޤީގެއް ފަށަން ޖެހޭ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ވަނީ އިންޓަނޭޝަނަލް އާއި ޑޮމެސްޓިކް ޓާމިނަލް އޮޕަރޭޓްކުރާ ގޮތަށް އާ ސީޕްލޭން ޓާމިނަލް ވެސް ސީދާ އެމްއޭސީއެލުން ހިންގަން، އެ ކުންފުނީގެ ބައެއް ވެރިން ބޭނުންވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވިސްނުން ގެންގުޅުނީ، ސީޕްލޭން އޮޕަރޭޓްކުރާ އެއާލައިންތަކަށް ޓާމިނަލުން ޖާގަ ދީގެން، މިހާރު ވެސް ހިންގާ ގޮތަށް، އެ ކުންފުނިތަކުން އަމިއްލައަށް އެކަން ކުރާ ގޮތަށްކަމަށްވެސް އޭރު އަޑުތައްވަނީ ފެތުރިފައެވެ.އަދި ކުރީ ސަރުކާރުންވެސް ސީޕްލޭން ދުއްވާ އެއް ކުންފުންޏަކަށް މުޅި ޓާމިނަލް ދޭ ގޮތަކަށް ވިސްނުން ގެންގުޅެފައެއް ނޯންނާނެކަމަށް އޭރު ސަރުކާރުގެ އިސް ފަރާތްތަކުންވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގެ ތަރަައްގީ އަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ސީޕްލޭންގެ އާ ޓާމިނަލް ހަދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އާ ޓާމިނަލް ޓީއެމްއޭ އާއި ހަވާލުކުރުމަށް އެއްބަސްވެފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެކަން ކުރި ބަޔަކު ހޯދައި މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.