English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ވަކި މިންވަރެއް ޑޮލަރުން ދެމުންދާ އުސޫލު ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް އިރެއްގައި އެފަދަ ކަމެއްގެ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި އެ ވާހަކަ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުން ރެއާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި އެ ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށް ޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

އެމްއޭސީއެލް އިން ބުނި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، އެ ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެ ކުންފުނިން ބުނީ އެތަނުގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މުވައްޒަފުންގެ ލާބަ އާއި މަންފާއަށް ކަމަށް ބުންޏެވެ.

އެމްއޭސީއެލްއިން ވަނީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރުކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށް އިލްތިމާސްކޮށްފައެވެ.