English Edition
Dhivehi Edition
ވިލިމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ދަ މޯލްޑިވްސް އެކްސްޕާޓް

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ޤަވާއިދާއި، ކެންޓީނާބެހޭ ޤަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް ވިލިމާލޭގައި އެދެވޭނެ ސަރަހައްދުތައް ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނީ ވާރު ހިނގުން އަދި ވިލިމާލެ ފެރީ ޓަރމިނަލް ހިމެނޭ ސަރަޙައްދުން ކަމަށެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން، އެސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެ މިނިސްޓްރީ އަށް ކަމަށާއި، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު އެ މިނިސްޓްރީގެ ބިޒްބަސް ޕޯޓަލް https://business.egov.mv/ އިން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗަށް ކަމަށައި، ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައި ކަމަށެވެ.

އަދި 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.