ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިއުލާންކޮށްފި އެވެ.
އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ އެސްޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 10 ފެބްރުއަރީ ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުން ހިމެނެއެވެ.
އެ މަޤާމަށް ހޮވޭ ފަރާތެއްގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީގެ އެސްޖީ ކަމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދޭ ސިޓީއާއި ވަނަވަރު ހުށަހަޅަންޖެހޭނީ އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށެވެ.
އެމްޑީޕީ އަށް އެސްޖީ އަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ މަޤާމުގައި ހުންނެވި އަނަސް ޢަބްދުލް ސައްތާރުގެ ދައުރު މިދިޔަ އަންގާރަ ދުވަހަށް ހަމަވުމާއި ގުޅިގެންނެވެ. އަނަސް، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރެލްގެ މަޤާމަށް ޤައުމީ މަޖިލިހުން އައްޔަން ކުރީ ފެބްރުއަރީ 2015 ގައެވެ. އަނަސް އަކީ ޤާނޫނީ ވަކީލެކެވެ.
އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ފާއިތުވި ފަސް އަހަރު ދުވަހު އަނަސް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ ފާއިތުވި ފަސް އަހަރު ކުރެއްވި މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އަދި އެ ދައުރަށްފަހު ދެން ކުރިމަތިލައްވާފައިވާ މަސައްކަތުގައިވެސް އެމްޑީޕީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަނަސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފަ އެވެ. އެގޮތުން އަނަސް ވަނީ ޖެނުއަރީ 31ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީން މާލޭގެ މިހާރުގެ މާޔަރު ޝިފާ މުޙައްމަދު އަދި ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ބަލިކުރައްވައިފަ އެވެ.