ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވީ ހޯމަ ދުވަހު އާންމުކުރި ވޯޓާސް ލިސްޓަށް ލިބުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓާއި އެ ކޮމިޝަނުގެ ވެބްސައިޓްގައި އަދި، މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
މީގެއިތުރުން VR space IDNO ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅާނީ ފެބްރުއަރީ 11 ވާ އަންގާރަ ދުވަހުން ފެށިގެން ފެބްރުއަރީ 22 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ.
މީގެ އިތުރުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި މާލޭގައިނަމަ، ޝަކުވާ ބަލައިގަންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށާއި، ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.