English Edition
Dhivehi Edition
2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގެ ތެރެއިން - ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، 10 ބިލެއް އެކުލަވާލައި އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކޮށްފައިވާއިރު، އޭގެ ތެރޭގައި، މުޅިން އަލަށް އެކުލަވާލަންޖެހޭ 24 ބިލަކާއި އެކި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ 32 ބިލެއްވެސް ހިމެނޭ ކަމަށެވެ. އޭގެތެރެއިން 10 ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އެ 10 ބިލަކީ:

  • ނަފްސާނީ ޞިއްޙަތުގެ ބިލު
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • އިންޝުއަރެންސްއާބެހޭ ބިލު
  • ތަފާސްހިސާބުގެ ބިލު

އެ ބިލުތަކުގެ ތެރެއިން މިހާތަނަށް ހަ ބިލެއް ރައީސް އޮފީހުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެއީ ނަފްސާނީ ޞިއްޙަތުގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.