English Edition
Dhivehi Edition
11 ފެބްރުއަރީ 2020ގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮރޯނާވައިރަސްއާ ގުޅޭގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް މެންބަރުން މަޝްވަރާ ކުރައްވައިފިއެވެ.

ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން އިއްޔެގެ ޖަލްސާގައި ކަމާބެހޭ ވަޒީރުން ވާހަކަފުޅުދެއްކެވިއެވެ. އަދި ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން މެންބަރުން ފާޅުކުރެއްވިއެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އިތުރުން މި ސަރަޙައްދުގެ އެހެން ޤައުމުތަކުގައިވެސް ކޮރޯނާވައިރަސް މިހާރުވެސް ފެތުރެމުންދިޔުމާއެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން ކަމާބެހޭ ދާއިރާތަކުން ހިންގަވާ ޕްރޮގުރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދެވިއެވެ.