English Edition
Dhivehi Edition

އެއްރަށާއި އަނެއް ރަށާއި އަޅުވައި ނުކިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މެމްބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ އެއްވެސް ރަށަކަށް ކުޑައިމީސްކަން އިހުސާސް ކުރެވޭ ގޮަތަށް ބަސް ބުނެގެން ނުވާނެ ކަމަށެވެ. ޖާބިރު މިއަދު ހުށައެޅުއްވި ގަރާރަކީ މާލޭގެ ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި ހުށައެޅުއްވި ގަރާރެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރައް ތަފާތުކޮށް، އަޅައި ކިއުމުގެ ސަބަބުން ހިތްހަމަނުޖެހުމާއި ޒުވާބު ކުރުމަށް މަގުފަހިވާ ކަމަށާއި، އެފަދަ ކަންކަން ވުމުން ޤައުމުތަކުގައި ކުރިންވެސް ހަމަނުޖެހުން އެބަހުރި ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް މިކަން ފާހަގަ ކުރައްވާފައި ވާއިރު، މާލޭގެ ރައްޔިތުންނަށް ބިންކޮޅެއް ނުލިބޭ ކަމަށާއި އެ ރައްޔިތުން އުޅެމުން އަންނަނީ ފަލަސްތީނު ރައްޔިތުން އުޅެމުންދާ ގޮތަށް ކަމަށް ސިފަ ކުރައްވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެެއިން ޝަހީމް(އަނދުން ހުސެއިން) ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.