English Edition
Dhivehi Edition
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ (އައިޝާ) - ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ (އައިޝާ)ގެ ނަންފުޅު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވީ އާ ޖެންޑާ މިނިސްޓަރަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އައިޝާ، ޖެންޑަރ މިނިސްޓަރުކަމަށް ޢައްޔަންކުރެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އާދިއްތަ ދުވަހުގެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިޝާ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ. އެކަމަނާ އަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ހުސްނުއްސުޢޫދެވެ.

އައިޝާ ޖެންޑަރ މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

އެކަމަނާ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމު ފުރުއްވާފައެވެ. އަދި އިޖްތިމާޢީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓަރ އޮފް އަރޓްސް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗެލަރ އޮފް އަރޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ޙާޞިލުކުރައްވާފައެވެ.