English Edition
Dhivehi Edition
ނައިބު ރައީސް ފައިޞަލް ނަސީމް، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ދިމާވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ގުނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއްކަން ފާހަގަކުރައްވާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބް ޖަމުޢިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ކުޅިވަރު ކުޅުންތެރިން މި ކާމިޔާބީ ހާސިލުކުރުމުގައި ކުރެއްވެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުންކަމުގައި ވާއިރު ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ދާއިރާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައްޔާއި ދިމާވާ އެކި ކަހަލަ މައްސަލަތަކާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން މުހިންމު ދައުރެއް އަދާކުރެއްވޭނެކަން ފާހަގަކުރައްވާ އެންމެން ގުޅިގެން މުޖުތަމަޢަށް ފައިދާކުރަނިވި ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކުޅިވަރު ކުރިއެރުވުމުގައި އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތަކާއި، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާގައި ސްކޫލް ކުދިންނާ ގުޅޭ ކުޅިވަރާބެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަހެއް ހޯދުމުގެ މުހިންމުކަން އެންމެހައި ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ އެ ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.