ކ. މާފުށީގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރިޔާއަށް ބަނގުރާ ލިބުނު ގޮތް ތަޙުޤީޤުކުރުމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ގޮވާލައްވައިފި އެވެ.
ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބިކިނީ އާއި ރާ އާންމުކުރަން އުޅޭ މީހުންނަށް މާފުށީ ހާދިސާގައި، އެ ފަތުރުވެރިޔާ އޮރިޔާމުން ރަށުތެރޭ ދުވިޔަސް ރަނގަޅުވާނެ ކަމަށެވެ.
Myhun dhiriulhey rahrashugai, Bikini aa Raa aammukuran ulhey meehunnah Maafushi incident gai, e guest myhaa oriyaamun rashutherey dhuvan ok vaane! Ballavaa! Raajje gaives Qaanoonaa qavaaidh hurey! Enmen ves eah thabaavaan jehey. Eynaa Raa boan libuny kihineh? Pls investigate it!
— Ali Zaid (@alizaid1000) February 9, 2020
އަދި ރާއްޖޭގައިވެސް ޤާނޫނާއި ޤަވާއިދު ހުންނަ ކަމަށާއި، އެންމެންވެސް އެއަށް ތަބާވާން ޖެހޭ ކަމަށްވެސް ޒައިދު ވިދާޅުވި އެވެ.
“އޭނާ ރާ ބޯން ލިބުނީ ކިހިނެއް؟ ތަޙުޤީޤު ކުރޭ!”، ޒައިދު ވިދާޅުވި އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، އެ ފަތުރުވެރިޔާ ހައްޔަރުކުރީ ގޯހުން ނޫން ކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުންފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން ކަމަށެވެ.
ފެބްރުއަރީ ހަވަނަ ދުވަހުގެ ހަވީރު 05:48 ހާއިރު މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށް ހުރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި “ބިކިނީ” ލައިގެން އުޅުމަކީ ޤަވާއިދާއި ޚިލާފު މަނާ ކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާ އަށް ވިސްނައިދިނުމަށް ތިން ފުލުހަކު މަސައްކަތް ކުރިނަމަވެސް، އޭނާ ޤަވާއިދަށް ބޯލަނބަން ދެކޮޅު ހަދައި ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށާއި، އެއަށްފަހު އޭނާ ހައްޔަރުކުރުމަށްފަހު މާފުށި ޕޮލިސް ސްޓޭޝަނަށް ގެންދެވުނު ކަމަށާއި، ނަމަވެސް އެއްވެސް ދައުވާއެއް ނުއުފުލައި އޭނާ ވަނީ އެރޭ 07:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރާއިރު މުޖުތަމަޢުގެ ހަމަތަކާއި އުސޫލްތަކަށް އިޙްތިރާމްކުރުމަށް ފަތުރުވެރިންގެ ކިބައިން އެދޭ ކަމަށްވެސް އެ ބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.