English Edition
Dhivehi Edition
08 ސެޕްޓެމްބަރު 2018 ގައި އަލިމަސް ކާނިވާގައި ބޭއްވި ކެމްޕެއިން ޙަަރަކާތެއްގައި ޝިދާތާ ވާހަކަދައްކަވަނީ - ފޮޓޯ: މުޙައްމަދު ޝަރުހާން

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަޤާމުން ޝިދާތާ ޝަރީފު އިސްތިއުފާދެއްވި ދެއްވުން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ ޢަމަލެއްގެ ގޮތުގައި ކަމަށް އަދާލަތު ޕާޓީ (އޭޕީ) އިން ބުނެފި އެވެ.

އޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިދާތާ އިސްތިއުފާދެއްވި ސަބަބު ކަމުގައިވާ ޖެންޑަރ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ އެ ޕާޓީން އުފަލާއެކު ފަހަގަކޮށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލުކުރުމަށް ރައްޔިތުންގެ ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅުތަކެއް ކަމަށާއި، އެ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިޚްލާސްތެރިކަމާއި ހަރުދަނާކަން ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އޭޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޝިދާތާ އަކީ 2010 ވަަނަ އަހަރުން ފެށިގެން އެ ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭކަނބަލެއް ކަމަށާއި، އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ ޙަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށައި، އެއީ އެ ޕާޓީން އަބަދުވެސް ހަނދާންކޮށް ފާހަގަކުރާނެ ޚިދުމަތްތަކެއް ކަމަށެވެ.

“މީގެ އިތުރުން އަލްފާޟިލާ ޝިދާތާ ޝަރީފަކީ ވަޒީރުކަން އަދާކުރެއްވުމުގެ ކުރިންނާއި ވަޒީރު ކަމުގައިވެސް ރައްޔިތުންގެ ހަލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަންކަމަކީ މި ޕާޓީގެ އެންމެހާ މެމްބަރުންނާއި ޢާއްމު ރައްޔިތުންވެސް އިންތިހާއަށް ޝުކުރުވެރިވާ ކަމެކެވެ.”، އެ ބަޔާނުގައި ވެއެވެ.

އަދި ވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ނިންމަވާފައިވާ ކަމީ އެ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އެކަމުގައި ޕާޓީން އެކަމަނާއަށް ވެދެއްވެން އޮތް ހުރިހާ އެއްބާރުލުރުމަކާއި އެހީތެރިކަމެއް ވެދެމުންގެންދާނެ ކަމަށްވެސް އޭޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖެންޑަރ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޝިދާތާ އިސްތިއުފާދެއްވާފައި މިވަނީ އެ މަޤާމުގައި ޝިދާތާ ހުންނަވަން ފެނިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިއްތިފާޤުން ނިންމާފައި ވަނިކޮށެވެ. އަދި އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ، އެކަމަނާ އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން ޔަޤީންކުރައްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީ އިހުމާލުވާ ކަމަށް ތުހުމަތުކުރެވިފައިވާއިރު، ފަހަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަތައް ފެންމަތިވަމުން އަންނަ ގިނަ މައްސަލަތަކުގައި ޖެންޑަރ މިނިސްޓްރީގެ އިޙުމާލެއްވާ ކަމުގެ ތުހުމަތުތައްވެސް ދަނީ ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތަކުގައި އެނގިހުރެވެސް ފިޔަވަޅު ނޭޅުމުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންވެފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.