ފަތުރުވެރިންނަށް ވިޔަސް އެމީހަކު ޒިޔާރަތްކުރާ ޤައުމެއްގެ ދީނާއި ސަޤާފަތަށް އަދި ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Fathuruverinneh kamaku emeehun ziyaaraiy kuraa Gaumeh ge Dheenaai Sagaafathah adhi Qaanoonaai Gavaaidhah hurumaiytherikoh hithan jeheyne. Maafushi haadhisa gai @PoliceMv ge beyfulhun ge hiyvaraai masakkathah thaureef haggu.
— Dr Mohamed Iyaz (@dr_iyaz) February 9, 2020
އެގޮތުން ޑރ. އިޔާޒް ވިދާޅުވީ މާފުށި ހާދިސާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންގެ ހިތްވަރާއި މަސައްކަތަށް ތަޢުރީފް ޙައްޤު ކަމަށެވެ.
މީގެ އިތުރުން އިޔާޒް ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ ބޭނުގައި ދީނާއި ސަޤާފަތް ވިއްކާލައި، ހެދި ބޮޑުވަމުން އަންނަ ކުޑަކުދިންނަށް ފެނުން ރަނގަޅު ނޫން މަންޒަރުތައް ފެނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ބެލެވިގެން ނުވާނެ ކަމަށެވެ.
“އެގޮތަށް އެދޭ ފަރާތްތަކަކީ އަޅުގަނޑުމެންނަށް ހެޔޮ އެދޭ ބައެއް ނޫން”، އިޔާޒް ވިދާޅުވި އެވެ.
Aamdhany ithuru kurumuge beynumugai thimaamen ge Dheenaai Sagaafaiy vikkaalaa, hedhi bodu vamun anna kuda kudhinnah fenun ragalhu noon manzaru thah fenumaky enme ragalhu kameh kamugai believigen nuvaane. Egothah edhey faraaiy thakaky alhugadumennah heyo edhey bayeh noon.
— Dr Mohamed Iyaz (@dr_iyaz) February 9, 2020
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވެސް ވިދާޅުވީ ކ. މާފުށީގެ ރަށު ތެރޭގައި ނިވާކަންކުޑަ ގޮތަކަށް އުޅުނު ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގޯސް ކޮށޭ ބުނެވެން ނެތް ކަމަށެވެ. އިމްރާން ވިދާޅުވީ އެ ޑިސިޝަން އެގޮތަށް ނެގުމުން އެއަކަށް މާ ގިނަ ނުރުހުންތެރިކަމެއް ނުވަތަ ނުބައިކޮށް އަމާޒު ކުރެވޭކަށް ނެތް ކަމަށެވެ.
މާފުށީގައި ފަތުރުވެރިޔާ ހައްޔަރުކޮށްފައި ވަނީ އޭނާ ނިވާކަން ކުޑަގޮތަކަށް މަގުމަތީގައި އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ނަސޭހަތްތެރިވުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔެމަންތެރި ވުމުންނެވެ. މީސްމީޑިއާގައި ފަހުންވެސް ވަނީ ފަތުރުވެރިޔާ ހައްޔަރުކުރި އިރުގެ ވީޑިއޯއެއް އާންމުވެފައެވެ. އެ ވީޑިއޯގައި ފަތުރުވެރިޔާ ކުލަހެދުމުގައި ހުރި ފުލުހެއްގެ ގަޔަށް އަތްލުމަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ.
ފުލުހުން ވިދާޅުވީ މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކޮށްފައި ވަނީ މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ.