English Edition
Dhivehi Edition
ސަަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ: ލުބްނާ މަޖީދު މުޚްތާރު (އޭއޯ ނިއުސް)

ކ. މާފުށީގައި ނިވާކަން ކުޑަކޮށް ހުރި އަންހެން ފަތުރުވެރިޔާ ހައްޔަރުކުރީ ގޯހުން ނޫން ކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުންފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން ކަމަށެވެ.

ރައީސް ނަޝީޑު މިހެން ވިދާޅުވިއިރު، ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ކ. މާފުށީގެ ރަށު ތެރޭގައި ނިވާކަންކުޑަ ގޮތަކަށް އުޅުނު ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގޯސް ކޮށޭ ބުނެވެން ނެތް ކަމަށެވެ. އިމްރާން ވިދާޅުވީ އެ ޑިސިޝަން އެގޮތަށް ނެގުމުން އެއަކަށް މާ ގިނަ ނުރުހުންތެރިކަމެއް ނުވަތަ ނުބައިކޮށް އަމާޒު ކުރެވޭކަށް ނެތް ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށް ހުރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ފެބްރުއަރީ ހަވަނަ ދުވަހުގެ ހަވީރު 05:48 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި “ބިކިނީ” ލައިގެން އުޅުމަކީ ޤަވާއިދާއި ޚިލާފު މަނާ ކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާ އަށް ވިސްނައިދިނުމަށް ތިން ފުލުހަކު މަސައްކަތް ކުރިނަމަވެސް، އޭނާ ޤަވާއިދަށް ބޯލަނބަން ދެކޮޅު ހަދައި ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށާއި، އެއަށްފަހު އޭނާ ހައްޔަރުކުރުމަށްފަހު މާފުށި ޕޮލިސް ސްޓޭޝަނަށް ގެންދެވުނު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް އެއްވެސް ދައުވާއެއް ނުއުފުލައި އޭނާ ވަނީ އެރޭ 07:10 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ފުލުހުން ޢަމަލުކުރި ގޮތާމެދު އެ ފަތުރުވެރިޔާ އާއި އާންމުންގެ ކިބައިން މަޢާފަށް އެދޭ ކަމަށާއި، އެފަދަ މައްސަލައެއް ކުރިއަށް އޮތް ތަނުގައި ދިމާނުވާނެކަން ޔަޤީންކުރުމަށް ފުރިހަމަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ. އަދި ތަޙުޤީޤުން އެއްވެސް ނޭދެވޭ ކަމެއް ފާހަގަވާނަމަ، އެކަށީގެންވާ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރާއިރު މުޖުތަމަޢުގެ ހަމަތަކާއި އުސޫލްތަކަށް އިޙްތިރާމްކުރުމަށް ފަތުރުވެރިންގެ ކިބައިން އެދޭ ކަމަށްވެސް އެ ބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މައްސަލައިގައި ފުލުހުން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަމުން އަންނަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ޓީމުން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެ މައްސަލަ ބަލާ ނިންމާ، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދަށް ރިޕޯޓްކުރާނެ ކަމަށްވެސް ފުލުހުން ވަނީ ހުކުރު ދުވަހު ބުނެފަ އެވެ.