ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 33%ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމް ފުރުއްވުމަށްފަހު، ފޯމުގެ ހާރޑް ކޮޕީއެއް ޕާޓީ ސެކްރެޓޭރިއެޓަށް ހުށަހެޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ޕާޓީގެ އިޤްރާރާއި ޕާޓީގެ ފަރާތުން ވާދަކުރާ ކަމުގެ ސިޓީ ލިބޭނެ ކަމަށެވެ.
އަދި ކެންޑިޑޭޓް ޑިޕޮޒިޓް ދެއްކުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ފަރާތުން ހުރިހާ ކެންޑިޑޭޓުންނަށް އެއްކޮށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަކާއެކު އީސީ އަށް ހުށަހަޅަންޖެހޭނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށެވެ.