ފަތުރުވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Fathuruverinah Amaazukohgen Hamala dhinumaki Islami Sharia kandaelhigen Haraam kuraa kameh. Efadha nubai Amaluthakun Muslimun dhuruvan jeheyne. Islam Dheenaki Rahumathuge dheen. Insaanee Karaamathu dhamahattai hurihaa Dheeneh ge Ahuluverinah Rakkaatherikan dhey Dheen
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 7, 2020
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ދިން ހަމަލާ ކުށްވެރި ކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ އެފަދަ ނުބައި ޢަމަލުތަކުން މުސްލިމުން ދުރުވާން ޖެހޭ ކަމަށާއި، އިސްލާމް ދީނަކީ ރަޙުމަތުގެ ދީން ކަމަށާއި، އެއީ އިންސާނީ ކަރާމާތު ދަހަމަހައްޓައި ހުރިހާ ދީނެއްގެ އަހުލުވެރިންނަށް ރައްކާތެރިކަންދޭ ދީން ކަމަށެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ ފަތުރުވެރިންނަށް އަމާޒުކޮށްދިން ހަމަލާއަށް ފަހު މީސްމީޑިއާގައި އާންމުކުރި ވީޑިއޯގައިވާ ވާހަކަތަކަކީ އިސްލާމް ދީނުގެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފް ވާހަކަތަކެއް ކަމަށެވެ.
“ޤުރުއާންގެ އާޔަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އިންސާނުންގެ ފުރާނައަށް ނުރައްކާ ކުރުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫން”، ޝަހީމް ވިދާޅުވި އެވެ.
Fathuruverinah Amaazu koh dhin hamalaa ah fahu Social Media ga Aamukuri vedio ga e' vaa vaahaka thakaki Islam Dhynuge Asaasthakaa kanda elhigen Khilaaf vahaka thakeh, Qur"an ge Aayaythah nahama gothugai beynunkoh insaanunge furaana ah nurakkaa kurumaki Huddhavegenva kameh noon.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 7, 2020
ދެންވެސް ކުރެއްވި ޓްވީޓެއްގައި ޝަހީމް ވިދާޅުވީ ޤައުމަށް އަންނަ ފަތުރުވެރިންނަށް ހެޔޮކޮށް ހިތުމާއި، އެމީހުންގެ އަބުރާއި ފުރާނައާއި މުދަލަށް ރައްކާތެރިވުމާއި އަމާނާތްތެރިވުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ މަތިވެރި މަސްއޫލިއްޔަތެއް ކަމަށެވެ.
Qaumah anna Fathuruverinah heyokoh hithumaai emeehunge aburaai furaana aai mudhalah rakkaatherivumaai Amaanaaitherivumaki alhugandumen ge kondugai elhigaivaa dheenee mathiveri mas'oolitheh. Ee amaanaatheh. Ekan dhamahattan jeheyne.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 7, 2020
“އެއީ މަސްއޫލިއްޔަތެއް. އެކަން ދަމަހައްޓަން ޖެހޭނެ”، ޝަހީމް ވިދާޅުވެފައި ވެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވިއިރު، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިވެހި ޓެލެގްރާމް ޗެނަލް މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައި އައިއެސް ޖަމާޢަތުގެ ދިވެހި ގޮފިން ވަނީ އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވީޑިއޯގެ ސައްޙަކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ދިން އެ ހަމަލައާއި ގުޅިގެން މިހާތަނަށް ޖުމްލަ ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ހަމަލާގައި އަނިޔާވެފައި ވަނީ ޗައިނާގެ 2 ފިރިހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެ މީހުންނަށް ހަމަލާދީފައި ވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ ދެމީހެކެވެ.