މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސާ މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ އިވެންޓެއް ހުށައަޅުއްވައި ދެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
އެކަމާއި ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެ މައްސަލަ ބެލުމަށްޓަކައި އަންނަ ބުދަ ދުވަހު މަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި ބޭއްވި “ބުރަބި” ހަފްލާ ހުށަހަޅައި ދެއްވީ ބްރޯޑްކޮމްގެ ރައީސް ކަމަށް އިންތިހާބުކުރެއްވި ތަޖުރިބާކާރު ޕްރެޒެންޓަރު މަރްޔަމް ވަހީދާ އެވެ. ޝޯ ހުށަހަޅައި ދެއްވަމުން މަރީ ވަނީ ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި އަދި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ތައުރީފުކުރައްވަވާފައެވެ.
އެކަމާގުޅިގެން ބްރޯޑުކާސްޓިން ކޮމިޝަންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަވަމުން، އިދިކޮޅު ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާއެއްގެ ރައީސަކަށް ހުންނެވި ބޭފުޅަކު ސަރުކާރުގެ ޝޯއެއް ހުށަައަޅައިދިނުމުން އެ މުއައްސަސާގެ މިނިވަން ކަމާއި މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ކަމަށެވެ.
ކުރީ ސަރުކާރުގައި، ބްރޯޑްކޮމް މެމްބަރުން އޭރުގެ ސަރުކާރުން ބާއްވާ ހަފްލާތަކުގައާއި ސަރުކާރަަށް ތާއީދު ހޯދުމުގެ ގޮތުން ބޭއްވި ކެމްޕޭނު ތަކުގައި ބައިވެރިވާތީވެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ފާޑުކިޔާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ސަރުކާރުންވެސް ކުރަމުންދަނީ ހަަމަ އެކަން ކަމަށެވެ.
“މިހާރު ބްރޯޑްކޮމް ހިނގަނީ މިނިވަންކޮށްތޯ؟ ބްރޯޑްކޮމް މިއޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ނޫންތޯ؟” މިކަމާ ގުޅިގެން ކުރެއްވެވި ޓުވީޓުގައި މެންބަރު ޝަރީފް ވިދާޅުވެފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރޮޒެއިނާ ވިދާޅުވީ ބްރޯޑްކޮމްގެ ރައީސާ ސަރުކާރުގެ ހަފްލާއެއް ހުށަހެޅުއްވި މައްސަލަ މަޖިލިސް ހުޅުވުމާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ބަލާނެ ކަމަށެވެ.
އަދި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.