English Edition
Dhivehi Edition
މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ - ފޮޓޯ: ޙައްވާ މުޙައްމަދު

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރާއްޖޭގައި ހިންގި ބަޤާވާތް ފާހަގަކޮށް، އެކަމަށް ހިތްވަރުދޭ ގޮތަށް ޓްވީޓްކުރައްވާފައިފުމުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ (އިންތި)ގެ ފާޑުކިޔުންތައް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް އަށް އަމާޒުވެއްޖެ އެވެ.

މަލީހު ކުރެއްވި ޓްވީޓާއި ގުޅިގެން އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަލީހު ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި، މަލީހު އަކީ އެފަދަ އެއްވެސް ވަގުތެއްގައި ނިކުމެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.

“ބޮޑަށް ވާގިވެރިވެލެއްވިފައި އޮތީ އެންމެހައި ނުލަފާ ވެރިކަންތަކަށް”، އިންތި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގްކުރައްވައި އިންތި ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ސަރުކާރުގެ ވަޒީރަކު އެގޮތަށް ބަޤާވާތް ފާހަގަކުރައްވާފައިވުމުން، އެއީ ރައްދު ދިނުމަށް އެރުވިފައިވާ ދައުވަތެއް ކަމަށް ބަލައިގެން ކުރިއަށް ވަޑައިގަންނަވަންވީތޯ ސުވާލު ކުރައްވައިފަ އެވެ.

2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ގާޒީ) ހައްޔަރުކުރުމާއި ގުޅިގެން ތިން ހަފްތާގެ މުއްދަތަކަށް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާތައް ނިމިގެންދިޔައީ އޭރު ވެރިކަމުގައި ހުންނެވި ރައީސް، މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުންނެވެ.

ސަލާމަތީ ބާރުތަކުގެ އެއްބާރުލުމާއެކު އިދިކޮޅު ފަރާތްތަކުން ކުރި އެ ބަޤާވާތަށްފަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ސަރުކާރުގެ ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އެވެ. އަދި އެއަށްފަހު 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު އާއި ވާދަކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އެވެ.