English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ސަރުކާރުން ނެރުއްވި ބަޔާނެއްގައި ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންނާއި، މި ޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މި ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ފިނޑި ޢަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ. މި ޢަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައި ދަންނަވަމެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށް މި ފުރުޞަތުގައި ދަންނަވަމެވެ. މިއާއިއެކު، މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް “ސީރިއަސް” ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ.”، އެ ބަޔާނުގައި ވެއެވެ

އެ ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެފަދަ ޢަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމަކާއިގުޅޭ މަޢުލޫމާތު ކަމާއިބޭހޭ އިދާރާތަކާއި ޙިއްޞާކުރެއްވުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އަދި، އެފަދަ ނުރައްކާތެރި ޢަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ދިން ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދަވާ ތަހުޤީޤުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި، އެކަމާއި ގުޅިގެން ޢާންމުންނާއި ޙިއްޞާ ކުރައްވަން ޖެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ޢާންމުންނާއި ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.