މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަޤާމުން އިސްތިއުފާ ދެއްވުމަކުން މި ރާއްޖޭގައި ހިނަގަމުންދާ ޖިންސީ ގޯނާއާއި އަނިޔާ އަދި އިހުމާލަށް ހައްލެއް ނުލިބޭނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް(އެމްއާރުއެމް)ގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރު ޝިދާތާ އިސްތިއުފާދެއްވުމަކުން މި ރާއްޖެގައި ކުރަމުންދާ ޖިންސީ ގޯނާއާއި އަނިޔާ އަދި އިހުމާލުގެ މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. ވިސްނުން ވެސް ބަދަލެއް ނުވާނެ ކަމަށާއި މީ މުޅި މުޖުތަމައުގައި އޮތް ބޮޑު ވަބާއެއް ކަމަށް ނާދިރާ ވިދާޅުވިއެވެ. އަދި ޒިންމާ ނަގަން ޖެހޭ މީހުން ބައިވަރު ކަމަށާއި އެކަކު ކަތިލައިގެން މައްސަލަ ހައްލެއް ނުވާނެ ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.
Minister Shidhatha isthiufa dhevvumakun mi raajjeygai kuramun dhaa jinsee gonaa aai aniyaa ahi ihumālu ge massalathakah halleh nulibey. Visnunves badhaleh nuvaane! Mee mulhi mujuthamau ga oiy bodu vabaaeh. Zimma nagan jehey meehun baivaru. Ekaku kathilaigen massala hallehnuvaane.
— Aminath Nadira. (@a_nadraa) February 6, 2020
ޝިދާތާ މިއަދު ޖެންޑަރ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިއިރު ރައީސް ވަނީ ޖެންޑާ މިނިސްޓަރުކަމަށް އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމަށް ނިންމާފައެވެ. ނާދިރާ ވަނީ އައިޝަތު މުހައްމަދު ދީދީއަށް އަށް މަރުހަބާ ވިދާޅުވެ، އެކަމަނާގެ މަސައްކަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި މުޖުތަމައުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ޖެންޑަރ މިނިސްޓަރ ކަމުން ޝިދާތާ އިސްތިއުފާދެއްވި މި ދަނޑިވަޅަކީ އިންތިޢުފާ ދެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ގޮވާލާފައިވާ ދަނޑިވަޅެކެވެ.